ހުޅުމާލޭގެ ރެހެންދި ސްކޫލްގައި މެންދުރުފަހު ދަންފަޅީގައި ކިޔަވަން ދާ ހުރިހާ ކުދިން އެ ސްކޫލްގައި ޖަމާއަތުގައި އަސުރު ނަމާދުކުރަން މިއަދު ފަށަައިފި އެވެ.
އެކަން ފެށުމުގެ ގޮތުން މިއަދު އެ ކުދިން ވަނީ ސްކޫލުގެ ގޯތިތެރޭގައި ޖަމާއަތް ހަދައިގެން އަސުރު ނަމާދުކޮށްފަ އެވެ.
އެ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ މެންދުރުފަހު ދަންފަޅީގައި ކިޔަވަން ދާ ގްރޭޑް 2، 3، 4، 5 އަދި 6 ގެ ކުދިން ޖަމާއަތުގައި އަސުރު ނަމާދުކުރުން ކޮންމެ ދުވަހަކު ވެސް އޮންނާނެ ކަމަށެވެ.
ކުދިން ސްކޫލަށް ފޮނުވާއިރު ނަމާދަށް ތައްޔާރުކޮށްފައި ފޮނުވައިދިނުމަށް ވެސް އެދުނެވެ.
ގޭގައި މެންދުރު ނަމާދު ކުރުވައިގެން ކުދިން ސްކޫލަށް ފޮނުވުމަށާއި އަދި ވުލޫއު ކުރުވައިގެން ފޮނުވުމަކީ ރެހެންދި ސްކޫލުގެ އެދުމެކެވެ. އަދި ނަމާދުކުރުމަށް ބޭނުންވާ މުސައްލަ އާއި ނަމާދުދޮޅި ފަދަ އެއްޗެހި ވެސް ބެލެނިވެރިން ފޯރުކޮށްދޭން ޖެހެ އެވެ.
ކޮންމެ ދުވަހަކު ވެސް ބޫޓު ލުމަށް ޕްލާސްޓިކް ނޫން ޒާތެއްގެ ކޮތަޅެއް ދީފައި ފޮނުވުމަށާއި އަދި ސްކޫލަށް ދާއިރު ނަމާދުކުރަން އެކަށީގެންވާ ސާފުތާހިރު އިސްޓާކީނަކަށް އަރުވައިގެން އެ ކުދިން ފޮނުވުމަށް ވެސް އެ މެސެޖުގައި ބުންޏެވެ.