ހުޅުމާލޭގައި ހަދަމުން އަންނަ މެޑިކަލް ފެސިލިޓީގެ މަސައްކަތުގައި އުޅޭ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެސް ވުމާ އެކު، އެ ފެސިލިޓީގައި މަސައްކަތްތަކަށް މަޑުޖެހުމެއް އަތުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އޭގެ ސަބަބުން 300 އެނދުގެ ވަގުތީ ހޮސްޕިޓަލްގެ މަސައްކަތްތައް ކޮންމެ ވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށެވެ.

ކޮވިޑް ވިލެޖުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ސިފައިންގެ ދެ މީހެކެވެ. އެ ދެ މީހުންނާ އެކު ސިފައިންގެ ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.

"މާލެ އިން އެ ކޭސްތައް ފެނިގެން ދިއުމާ އެއްކޮށް، މާލޭގެ ބާޒާރުމަތީގައި މި އޮތް މެއިން ކްލަސްޓާ، އެ ހިސާބުން ފުދޭ ވަރެއްގެ ބިދޭސީންނަށް މި ބަލި މިވަނީ ގޮސްފައި. އެއާ އެއްކޮށް އެކަކު އަނެކަކު ނިދާ ތަންތަން ވަރަށް ގިނަ މީހުން ނިދާ ތަންތަން މި ހުންނަނީ. އޭގެ ތެރެއިން ގޮސްފައި މި ކޭސްތައް ފެނިގެން ގޮސްފައި ވަނީ. މިކަމާ ގުޅިގެން ކޮވިޑް ވިލެޖުގެ މަސައްކަތް މިވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައި،" އަލީ ވަހީދު ވިދާޅުވި އެވެ.

މެޑިކަލް ފެސިލިޓީ ހެދުމުގައި ސިފައިންނާއި ފެނަކައިގެ ސަރުކާރާއި އިތުރުން އަމިއްލަ ގިނަ ކުންފުނިތަކުން ބައިވެރިވެ އެވެ. އެ ކުންފުނިތަކުގެ ބައެއް މީހުންނަކީ ބާޒާރުމަތީ ކްލަސްޓާއާ ގުޅިފައި ތިބި ބައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް އަވަހަށް ނިންމަން ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށާއި ކުރިން ބާ އިމާރާތެއް ނަމަވެސް މިހާރު އެތަނުގެ މަންޒަރު އެއްކޮށް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ނިންމާފައިވަނީ މި މަހުގެ ފަހުކޮޅު އެ މަސައްކަތްތައް ނިންމައި ބޭނުން ކުރަން ފެށުމަށެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ކުރާ މަސައްކަތުގައި އެންމެން ވެސް ބައިވެރިވަނީ ކޮންމެ ވަގުތަކު ވެސް ކަރަންޓީނަށް ދާން ޖެހިދާނެ ކަމުގެ ބިރާއެކު ކަމަށެވެ.

އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔަށް ރާއްޖެ އިން 226 މީހުން ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން 17 މީހަކު ވަނީ ރަނގަޅުވެފަ އެވެ.