ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އެޖެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ އިޓަލީން އައި ދިވެއްސަކު ކޮވިޑް-19 އަށް މޮނީޓާކުރަން އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާ ކަމަށެވެ. މިހާރު އެކަމާ ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ފަހުން ކަރަންޓީން ކުރާނެ ކަމަށް ވިދާޅުވި އެވެ.

ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި މިވަގުތު ވެސް ދެ މީހުން އެބަތިއްބެވެ. އެއީ މަންމައަކާއި ކުޑަ ކުއްޖެކެވެ.

ޔޫރަޕުގައި އެންމެ ގަދައަށް ވައިރަސް ފެތުރެމުންދާ އިޓަލީން މިހާތަނަށް 107 މީހުން މަރުވެފައި ވެ އެވެ. ޔޫރަޕުން އެންމެ ގިނަ މީހުން މަރުވި ގައުމަކީ ވެސް އިޓަލީ އެވެ. އެ ގައުމުން ކޮވިޑް-19 ޖެހުނު ގާތްގަނޑަކަށް 3،000 މީހުންގެ ތެރޭގައި ގިނައީ އިޓަލީގެ އުތުރުގެ ސަރަހައްދުތަކަށް ނިސްބަތްވާ މީހުންނެވެ. ނަމަވެސް އިޓަލީގެ 20 ސަރަހައްދުގެ ތެެރެއިން 19 ސަރަހައްދަކުން މިހާރު ވަނީ ކޮރޯނާވައިރަސް ފެނިފަ އެވެ.

ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާ އިން ފެނުނު ކޮރޯނާވައިރަސް މިހާރު ވަނީ 81 ގައުމަކަށް ފެތުރިފަ އެވެ. ރޯގާ އެންމެ ބޮޑަށް ފެތުރެމުން ދަނީ ޗައިނާގެ އިތުރުން އީރާން، ސައުތު ކޮރެއާ އަދި އިޓަލީގަ އެވެ.