ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ހުސްކުރަން އެތަނުގައި ތިބި މީހުން އެހެން ތަންތަނަށް ގެންދިޔަ ފަހުން، އެތަނުން އެކަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވާތީ، އޭނާއާ އެކު ދަތުރުކުރި މީހުންގެ ކަރަންޓީނު މުއްދަތު އިތުރުކޮށްފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ކަރަންޓީނުގެ 14 ދުވަހު މުއްދަތު ދެން ގުނާނީ އެ މީހުން އެޗްއައިއެޗުން އެހެން ފެސިލިޓީތަކަށް ގެންދިޔަ ދުވަހުން ފެށިގެން ކަމަށެވެ. އޭނާ ވިދާޅުވީ އެ މީހުން އެދުވަހުން ފެށިގެން އިތުރު 14 ދުވަހު ތިބެން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން (ޓެގްޓީމުން) ނިންމާފައިވާ ކަމަށާއި ނަމަވެސް އެއީ އުނދަގޫ ނިންމުމެއް ކަމަށެވެ.
މިއަދުގެ ޕްރެސްކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އެ މީހުންގެ ކަރަންޓީނު މުއްދަތު އިތުރުކުރަން ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
"އެޗްއައިއެޗްގެ ނިންމުން މިއީ ވަރަށް އުނދަގޫ ނިންމުމެއް. އެކަމަކު އަޅުގަނޑުމެން ވިސްނީ ސޭފްޓީ އޮންނާނީ ކިހިނެއްތޯ. އަޅުގަނޑުމެން ވެސް ގަބޫލު ކުރަން ސިޓުއޭޝަންގައި ތިއްބެވި ބޭފުޅުންނަށް ދަތި ނިންމުމެއްކަން. އެކަމަކު މިއީ މުޅި މުޖުތަމައުގެ ސަލާމަތަށް ނިންމި ނިންްމުމެއް. އެހެންވެ އަޅުގަނޑުމެން މި ނިންމީ އެކަން ހިނގައިދިޔަ ދުވަހުން ފެށިގެން 14 ދުވަސް،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖޭން މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 17 އެވެ. އޭގެ ތެރެއިން ދެމީހުންނަކީ މިދިޔަ ހުކުރުދުވަހު އިޓަލީއަށް ފުރި ދެމީހުންނެވެ. އަނެއް 15 މީހުންގެ ތެރެއިން ދެ ދިވެހިން ފިޔަވައި އެންމެން ވެސް މިހާރު ވަނީ ރަނގަޅުވެފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ މިހާރު 734,994 އެވެ. އޭގެ ތެރެއިން 34,781 މީހަކު ވަނީ މަރުވެފަ އެެވެ.