ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އައި އެޗްއައިއެޗް ހުސްކޮށް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، އެޗްއައިއެޗްގައި ތިބި މީހުން އެހެން ފެސިލިޓީތަކަށް ބަދަލުކުރަން ފެށީ އެތަން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރަން ކަމަށެވެ. އެގޮތުން މިހާރު އެތަނުގައި ތިބި މީހުން ކައިރި ރިސޯޓުތަކަށް ބަދަލުކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެޗްއައިއެޗްގައި މި ވަގުތު ތިބީ 137 މީހުންނެވެ.
މަބްރޫކް ވިދާޅުވީ މީހުން ބަދަލުކުރުމުގައި، ދިގު މުއްދަތަކަށް އެއްވެސް ބައްޔަކަށް ބޭސްކުރާ މީހުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ އިތުރަށް އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން އެ މީހުން ބަދަލުކުރަނީ ވީހާ ވެސް މާލެއާ ކައިރި ރިސޯޓުތަކަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މިހާތަނަށް އެޗްއައިއެޗް ބޭނުން ކުރަމުން އައީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ ރިސޯޓުތައް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުން އަންނައިރު މިކަން ކުރަމުން އަންނަނީ ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށެވެ. އެގޮތުން މި ރިސޯޓުތަކަކީ ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުން ގައުމަށްޓަކާ ކޮށްދޭ ކަމެއްގެ ގޮތުގައި ވާ އެހީއެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މި ކަރަންޓީން ފެސިލިޓީތަކުގައި މިހާތު ޖުމްލަ 574 މީހުން ތިބި އިރު އޭގެ ތެރޭގައި ރާއްޖެއިން ބޭރުން އައިސްފައިވާ މީހުންނާއި، ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުން ވެސް ހިމެނެ އެވެ.