ކޮޓަރީގައި އެކަންޏެވެ. ރަނގަޅަށް ކާން ލިބެ އެވެ. އިންޓަނެޓް އެބަ ހުއްޓެވެ. ޓީވީ ބެލެ އެވެ. ހުޅުލޭ އައިލެންޑް ހޮޓެލް (އެޗުއައިއެޗު)ގެ ޓޫރިސްޓް ކޮޓަރިއެއްގައި އޭނާ ކަރަންޓީކޮށްފައި ހުރި އިރު، ބޭރަށް ނުނިކުމެވުން ފިޔަވައި، އެހެން އުނިކަމެއް އިހުސާސެއް ނުވެ އެވެ.

ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއިން ބޭރުން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން އެންމެން 14 ދުވަހަށް ކަރަންޓީންކުރަން ސަރުކާރުން ނިންމި ނިންމުމާ އެކު އެޗުއައިއެޗު ބަދަލުކޮށްފައި ވަނީ ކަރަންޓީން ފެސިލިޓީއަކަށެވެ.

މީގެ 18 އަހަރު ކުރިން ހުޅުވި ހޮޓަލުގައި ކަރަންޓީނުގައި ހުރި އެކަކު އޭނާގެ ތަޖުރިބާ ވަނީ "މިހާރު"އަށް މިއަދު ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި އެ ފެންވަރުގެ ކަރަންޓީން ފެސިލިޓީއެއް ދުނިޔޭގެ އެހެން ތަނެއްގައި ހުންނާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ. ސަރުކާރުން އެހީތެރިވަމުން ގެންދަނީ "އެހާ ވެސް ފުރިހަމައަށް" ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ބުދަ ދުވަހު އޭނާ ކަރަންޓީންކުރީ އަންހެނުންނާއި މައިދަތައާ އެކު މެލޭޝިޔާއިން އައުމާ އެކުގަ އެވެ. އެ ދެ މީހުން ވެސް ތިބީ، އެހެން ކޮޓަރީއެއްގައި ކަރަންޓީން ކޮށްފަ އެވެ.

އެޗްއައިއެޗްގައި ކަރަންޓީނުކޮށްފައި ތިބޭ މީހުންގެ މެންދުރު ކެއުން
އެޗްއައިއެޗްގައި ކަރަންޓީނުކޮށްފައި ތިބޭ މީހުންގެ މެންދުރު ކެއުން

"ކޮޓަރީގައި އެކްސަސައިޒް ކުރެވެން ހުރޭ. ޓީވީ އާއި އިންޓަނެޓް ލިބޭ. ގަޑިން ގަޑިއަށް ކާން ލިބޭ. މާދަމާގެ ކެއުން އިހުތިޔާރުކުރަން މިއަދު ލިބޭނެ. ވަރަށް ފުރިހަމަ ހުރިހާ ކަމެއް،" އޭނާ ބުންޏެވެ.

އެޗްއައިއެޗްގައި ކަރަންޓީނުކޮށްފައި ތިބި މީހުންނަށް ހެނދުނުގެ ސަޔަށް، މަސް ހުންޏާއި ރޮއްޓާއި ކޮންޓިނެންޓަލް ބްރެކްފާސްޓްގެ ތެރެއިން ބޭނުން އެއްޗެއް ލިބެ އެވެ. މެންދުރަށް ޕާސްތާ އާއި ބަތް ހުރެ އެވެ. ހަވީރު ސަޔަށް ހެދިކާ އާއި ސޭންޑްވިޗް ގެނެސްދެ އެވެ. ރޭގަނޑު ބަތާއި ކުކުޅު ލިބެ އެވެ.

އޭނާ ބުނީ ކަރަންޓީނުގައި މިހާތަނަށް ހޭދަވި ހަތަރު ދުވަހު ވެސް ނަރުހުން އައިސް ރޯގާގެ އެއްވެސް އަސަރެއް ނުވަތަ ހުން ހުރިތޯ ބެލި ކަމަށެވެ.

ކުޑަ ބަނޑޮހުގައި ކަރަންޓީނުކޮށްފައި ހުރި މީހަކު ކޮޓަރީގައި ކޮމްޕިއުޓަރާ ކުޅެނީ
ކުޑަ ބަނޑޮހުގައި ކަރަންޓީނުކޮށްފައި ހުރި މީހަކު ކޮޓަރީގައި ކޮމްޕިއުޓަރާ ކުޅެނީ

"ބުނީމަ ކޮޓަރިއަށް ވަންނާނެ ސާފުކޮށްދޭން. އެމްއެންޑީއެފް، ޕޮލިސް، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން އަބަދުވެސް އެޓެންޑުވޭ. ކަމެއްގެ ބޭނުން ޖެހިއްޖެއްޔާ ގުޅާނެ ނަންބަރުތައް ދީފައި ހުރީ. އާއިލާއިން ފޮނުވާ ތަކެތި ލިބޭ،" އޭނާ ބުންޏެވެ.

"ބީޗް ފެންނާތީ ވަރަށް ހިތްހަމަޖެހޭ. ވަރަށް ފުރިހަމަ."

އިއްޔެ ބެންކޮކުން އައިސް، އާއިލާއާ އެކު ކުޑަ ބަނޑޮހުގެ ކަރަންޓީން ފެސިލިޓީގައި ހުރި އަންހެނަކު ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އޭނާއާ އެއް ކޮޓަރީގައި 13 އަހަރުގެ އަންހެން ދަރިފުޅެވެ. ޖެހިގެން ހުރި ކޮޓަރީގައި 15 އަހަރުގެ ފިރިހެން ދަރިފުޅާއި ކުދިންގެ ބައްޕަ އެވެ.

"އެއްވެސް ކަމެއް ބޭނުންވެއްޖާ ކޮޓަރީގައި އިންނަ ފޯނުން ގުޅަންވީ. ސަރުކާރަކަށް ކޮށްދެވޭނެ އެންމެ ރަނގަޅަށް އެބަހުރި ކަންކަން ހަމަޖައްސައިދީފައި،" އޭނާ ބުންޏެވެ.

ދެމަފިރިން ބެންކޮކަށް ދިޔައީ ތައިލެންޑުގައި ދެ ކުދިން ކިޔަވަމުން އަންނަ ބޯޑިން ސްކޫލު ބަންދުކުރުމުން ދަރިންކޮޅު ރާއްޖެ ގެންނާށެވެ. ކުޑަ ބަނޑޮހުގައި އެކަހެރިވެގެން ތިބެން ޖެހުނަސް ދެ ކުދިން އަންނަނީ ފިލާވަޅުތައް ވެސް ހަދަމުންނެވެ.

ކުޑަ ބަނޑޮހުގައި ކެއުން ގެނެސްފައި ބަހައްޓަނީ ކޮންމެ ކޮޓަރިއެއްގެ ވެސް ބޭރުގައި ހުންނަ މޭޒެއް މަތީގަ އެވެ. ކޮފީ ނުވަތަ ސައި ބޯން ބޭނުންވެއްޖެ ނަމަ އެ އިންތިޒާމް ކޮޓަރީގައި ހުރީ ހަމަޖައްސައިފަ އެވެ.

"ރެސްޓޯރެންޓުތަކަށް ގޮސްފައި ވެސް ހަމަ ކާން ލިބޭނެ އެއްޗެހި ލިބެނީ،" އަންހެން މީހާ ބުންޏެވެ.

އޭނާ ބުނީ ބެންކޮކުން ކުދިން ގެނައީ ކަރަންޓީން ކުރާނެ ކަމަށް ވިސްނައިދީގެންނެވެ. ކުދިން ކައިރީގައި ތިބުމުން އެކަނިވެރިކަން އިހްސާސް ނުކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އެޗްއައިއެޗްގައި ތިބި މީހުންގެ ހެނދުނު ސައި
އެޗްއައިއެޗްގައި ތިބި މީހުންގެ ހެނދުނު ސައި

އޭނާ ބުނި ގޮތުގައި މި ހާލަތްތަކުގައި ވިސްނަން ޖެހޭނީ ވީހާ ވެސް ޕޮޒިޓިވްކޮށެވެ. ދިމާވާ މިފަދަ ދަތި ދަނޑިވަޅުތަކުގައި ޕޮޒިޓިވްކޮށް ވިސްނާ ނަމަ ވަރަށް ރަނގަޅުވާނެ ކަމަށް ބުންޏެވެ.

ކަރަންޓީނު ފެސިލިޓީގެ ގޮތުގައި މިހާރު ނުވަ ރިސޯޓަކާއި އެޗްއައިއެޗް އަންނަނީ ބޭނުންކުރަމުންނެވެ. އެ ތަންތަނުން 2،288 އެނދު ހަމަޖައްސާފައި ވެ އެވެ. މިވަގުތު 249 މީހަކު އެބަ ތިއްބެވެ.

ރާއްޖެއިން މިހާތަނަށް 13 ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅު ވެފަ އެވެ. މިހާތަނަށް އަދި ދިވެއްސަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްއެއް ނުވެ އެވެ. އެކަމަކު ސަރުކާރުން ގެންދަނީ އެފަދަ ނުރައްކަލެއް ކުރިމަތިވެދާނެތީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.