މާލޭގެ ހުކުރު މިސްކިތަށް އަރައި ބިދޭސީ އަންހެނަކު އެ މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް އަޅުކަމެއް ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
އަންހެން މީހާ، "މެޑިޓޭޝަން" ގައި އިންނައިރު، އޭނާގެ ކުރިމަތީގައި އެއްޗެއް އޮތް މަންޒަރު ވެސް އެ ވީޑިއޯ އިންް ފެނެ އެވެ. ޔޯގާ ކަސްރަތު ކުރާއިރުގަ އާއި ދީނުގެ އަޅުކަމުގައި ވެސް އެގޮތަށް ބައެއް މީހުން ތިބެ އެވެ.
ހުކުރު މިސްކިތުގެ ތެރޭގައި އެ އަންހެންމީހާ އެހެން ދީނެއްގެ އަޅުކަން ކުރާ މަންޒަރު ފެންނަ ވީޑިއޯ އަށް ބަލައިލާއިރު، އެ ގަޑީގައި އެ މިސްކިތުގައި ބަޔަކު ނެތްކަން އެނގެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުން މިއަދު ބުނީ، އެކަމުގެ ރިޕޯޓު ލިބިގެން ފުލުހުން މިސްކިތަށް ދިޔަ ކަމަށާއި އެކަމަކު އޭރު އެފަދަ އެއްވެސް ކަމެއް ހުކުރު މިސްކިތުން ފެންނަން ނެތް ކަމަށެވެ.
އެ އަންހެންމީހާ މިސްކިތުގެ ހުރުމަތް ކަނޑައިލި ވީޑިއޯ އާންމުވެ ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، މިކަމުގައި އަދި އިސްލާމިކް މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.
މިސްކިތަށް އަރައި އަޅުކަމެއް ކުރަން އިނީ ކޮން ގައުމެއްގެ، ކޮން ދީނެއްގެ މީހެއް ކަމެއް ސާފެއް ނުވެ އެވެ.