އަހަރެއްހާ ދުވަހަށް އާންމުންނަށް ބަންދުކުރުމަށް ފަހު، މާލޭގެ ހުކުރު މިސްކިތް މިއަދު ހުޅުވަން ނިންމައިފި އެވެ.
އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑައިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ނާއިލް ނަޝީދު "މިހާރު" އަށް ވިދާޅުވީ، ހުކުރު މިސްކިތް މިއަދުގެ އަސުރު ނަމާދާއެކު، އަލުން ހުޅުވަނީ ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށެވެ. މިސްކިތުގައި ނަމާދުކުރަން ދާ މީހުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން އޭނާ އެދިވަޑައިގަތެވެ.
"ގެއިން ވުލޫއުކޮށް، އަމިއްލަ މުސައްލަ ހިފައިގެން ދާން އަޅުގަނޑުމެން އެދެން. މިސްކިތަށް ދާ އެހެން މީހުންނާ ސަލާން ނުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ކޮންމެ މީހަކު ވެސް އަމިއްލަ އަށް އަޅަން އެދެން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުކުރު މިސްކިތް އާންމުންނަށް ބަންދުކުރީ ކަތުރުފަނީގެ މައްސަލައެއް ދިމާވުމުން ކަމަށް ނާއިލް ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ އަށް ހައްލު ހޯދަން މިދިޔަ އަހަރެއްހާ ދުވަހު އެކި ފަހަރު މަތިން ޓްރީޓްމަންޓް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
"ކަތުރު ފަންޏަކީ އަނބުރާ އައުން އެކަށީގެންވާ މައްސަލައެއް ކަމަށް ވުމުން އަޅުގަނޑުމެން މި އަންނަނީ މިސްކިތް ވަރަށް ގާތުން ބަލަމުން. އެކަމުގެ އަލާމާތެއް އަލުން ފެނިއްޖެ ނަމަ ވަގުތުން ޓްރީޓްމަންޓް ދެވޭ ވަރަށް އާޅުގަނޑުމެން މިހާރު ވާނީ ތައްޔާރުވެފައި،" ނާއިލް ވިދާޅުވި އެވެ.
ހުކުރު މިސްކިތް ބަންދުކޮށްފައި ހުރި ދުވަސްވަރު ވަނީ އެ ތަނަށް ކޮންމެހެން ބޭނުންވާ މަރާމާތުތައް ވެސް ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސްކިތް އަލުން މި ހުޅުވަނީ ގޯތި ތެރެއަށް ވެލި އަޅައި، ރީތިކޮށްފައި،" ނާއިލް ވިދާޅުވި އެވެ.
ހުކުރު މިސްކިތް އަލުން ހުޅުވަން ކުރި މަސައްކަތުގައި ސްޓެލްކޯ އާއި މާލެ ސިޓީ ކައުންސިލުންނާއި އިސްލާމިކް މިނިސްޓްރީގެ ބައިވެރިވުން ފާހަގަ ކުރައްވައި، ހެރިޓޭޖް މިނިސްޓްރީ އާއި ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގައުމީ މަރުކަޒުގެ ފަރާތުން އެ ތަންތަނަށް ނާއިލް ޝުކުރު އަދާކުރެއްވި އެވެ.
މާލޭގެ ހުކުރު މިސްކިތަކީ ދުނިޔޭގެ ސަގާފީ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ސައިޓެކެވެ.