އެޗްޓީސީ އަށް ވިޔަފާރިން ފައިދާއެއް ނުހެދި ދެ އަހަރު ފާއިތުވެއްޖެ އެވެ. އުފުލަން ޖެހިފައި އޮތް ބޮޑު ދަރަނީގެ ސަބަބުން ހަށިފުރާ ނޭވާލެވޭ ވަރު ވެސް ވަނީ ނުވެފަ އެވެ. ނަމަވެސް، މާކެޓް ދިރާސާކުރާ ފާމްތަކުން ބުނާ ގޮތުގައި، މި އަހަރުގެ ތިން ވަނަ ކްއާޓަރުގައި ރަނގަޅު މުއާމަލާތުތަކެއް އެޗްޓީސީ ކޮށްފައި ވެ އެވެ.

ސްމާޓްފޯން މާކެޓްގައި އެޗްޓީސީ ރަަސްކަން ވެސް ކުރި އެވެ. ގޫގުލް އަށް އެންމެ ފުރަތަމަ އެންޑްރޮއިޑް ފޯނެއް އުފައްދައި ދިނީ ވެސް އެ ކުންފުނިންނެވެ. އެހެން ނަމަވެސް ވާދަވެރިންގެ ގަދަ އޮއިވަރުގައި ވަނީ ބެހި ގޮސްފަ އެވެ.

ސެމްސަންގް އާއި އެޕަލް، ސްމާޓްފޯން މާކެޓަށް އަތްގަދަކުރީ އެޗްޓީސީ އަށް ވިސްނިފައި އޮތް ވަރަށް ވުރެ ވެސް އަވަހަށެވެ. އެޕަލް އަށް ވުރެ ވެސް ބޮޑަށް ސެމްސަންގް އަދި އެލްޖީ ފަދަ ކުންފުނިތައް އެންޑްރޮއިޑަށް އުފައްދަން ފެށުމުން ވާދަވެރިކަމުގައި ހިފަހައްޓާލެވޭ ގޮތް އެޗްޓިސީއަކަށް ނުވި އެވެ. ސެމްސަންގުން ދުވާލަކު ދެ ދަޅަ އަށް ސްމާޓްފޯނުތައް ނެރެން ފެށުން ވެސް ވީ އެޗްޓީސީ އަށް ބޮޑު އަނިޔާއަކަށެވެ.

މާކެޓް ދިރާސާކުރާ މީހުން ބުނާ ގޮތުގައި، އެންޑްރޮއިޑް މާކެޓްގައި ހިފަހައްޓާލަން އެޗްޓީސީ އަށް ނޭނގުނީ އެވެ. ވާދަވެރިން ފޯނުތަކުގެ އަގާ ކުޅެލި ގޮތަށް އެޗްޓީސީ އަށް ނުކުރެވުނީ އެވެ. ބާރުގަދަ ފޯނުތައް ހެޔޮ އަގުގައި ވާދަވެރިން ވިއްކި ނަމަވެސް އެޗްޓީސީ އަށް އެ ކަހަލަ ބަދަލެއް ވެސް ނުގެނެވުނީ އެވެ.

ޝޯމީ އާއި ވާވޭ ފަދަ ޗައިނާ އަށް އުފަން ކުންފުނިތައް މުޅި ޗައިނާ ހިސޯރު ކުރިއިރު ވެސް އެޗްޓީސީ އަށް ހިނގައިގަންނާކަށް ނޭނގުނެވެ. ހަދާނެ ގޮތް ހުސްވެފައި ވި ހާލު، ކުންފުނީގެ ދަރަނި ބޮޑުވެ ދެން ދުވަހަކު ވެސް އަރައިނުގަނެވޭހެން ހީވާ ވަރު ވަނީ ވެފަ އެވެ. އެހެން ނަމަވެސް މި އަހަރު ތިން ވަނަ ކުރާޓަރުގައި ހެޔޮ ބަދަލުތަކެއް ވަނީ ފެނިފަ އެވެ.

ގޫގުލުން ފޯނެއް އުފައްދަން އެޗްޓީސީ އަށް ފުރުސަތު ދިނުމަކީ ވެސް ތިން ވަނަ ކުރާޓަރު ރަނގަޅުވި ސަބަބެއް ކަމަށް ބެލެވެ އެވެ. ގޫގުލް އަށް ޕިކްސެލް ފޯނު އުފައްދައިދިނުމުގެ ކުރިން ވެސް އެޗްޓީސީން އެކަން ކުރަން އުޅޭކަން ވަނީ ހާމަވެފަ އެވެ. އެޗްޓީސީ އަށް އަންނާނެ ކަމަށް ބެލެވޭ ހެޔޮ ބަދަލުތަކުގެ އަސްލަކީ ގޫގުލް އާ އެކު އޮތް ގާތް ގުޅުން ކަމަށް ވުމީ ވެސް އެކަށީގެންވާ ކަމެވެ. މާކެޓް ދިރާސާކުރާ މީހުން ބުނާ ގޮތުގައި ދެން ވެސް ކުޅެން އެނގިއްޖެ ނަމަ އެޗްޓީސީ އަށް ހިންދެމިލެވިދާނެ އެވެ.