ދީނީ ގޮތުން ކޮންމެ މުސްލިމަކު އިލްމުވެރިވުމަކީ ކޮންމެ މީހެއްގެ ވާޖިބެއް ކަމަށް ވިޔަސް، އެކަން ގަބޫލު ކުރެވެނީ ވަރަށް މަދު ބަޔަކަށެވެ. ޓީޗަރުންނާއި ދަރިވަރުންނަށް ވެސް އެކަން އެންމެ ފުރިހަމަ ގޮތުގައި ވަޒަން ކުރެވިފައެއް ނެތެވެ. އަޅުގަނޑުމެންނީ މުސްލިމުން ކަމަށް ވިޔަސް، އިސްލާމް ކިޔަވައިދެއްވާ ޓީޗަރަކާ ނޫނީ އިސްލާމް ދީނުގެ އެންމެ އާދައިގެ ކަމަކާ ބެހޭ ގޮތުން ސުވާލެއް ކޮށްލިޔަސް، މަދު ޓީޗަރަކަށް ނޫނީ ޖަވާބު ނުދެވޭ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެވެ.
އިސްލާމަށް ދަށީ ކީއްވެ؟
އިސްލާމް ކިޔަވައިދެއްވާ ޓީޗަރުން ވިދާޅުވާ ގޮތުގައި އިސްލާމަށް ދަރިވަރުން ދަށްވުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ސްކޫލްތަކުގައި ކިޔަވައިދޭ ގޮތާއި، އިމްތިހާންގެ ސުވާލު ކަރުދާސް ތައްޔާރުކުރާ މީހުންނަކީ ދެ ބަޔަކަށް ވުމުން ނުކުންނަ މައްސަލަ އެވެ. ސްކޫލްތަކުގައި ވަކި ގޮތަކަށް ކިޔަވައިދޭ އިރު، އިމްތިހާންގެ ސުވާލުތައް ތައްޔާރުކުރާ ފަރާތްތަކުން އެކަމަށް އެއްވެސް ވަރަކަށް ރިއާޔަތެއް ނުކުރާ ކަމަށް އެއް ޓީޗަރަކު ވިދާޅުވި އެވެ.
އެހެން ޓީޗަރަކު ވިދާޅުވި ގޮތުގައި އިސްލާމް މާއްދާއާ މެދު ބައެއް ބެލެނިވެރިން ދެކޭ ގޮތުގެ ސަބަބުން ވެސް ނަތީޖާ ދަށްވެ އެވެ. އިސްލާމަކީ، ދީނީ ގޮތުން ވެސް އަޅުގަނޑުމެންގެ މައްޗަށް އުނގެނުން ވާޖިބު މާއްދާއަކަށް ވިޔަސް، ބައެއް ބެލެނިވެރިންނަށް އެކަމުގެ މުހިންމުކަން އިހްސާސެއް ނުކުރެވެ އެވެ. ގުރްއާނުން ވަކި މިންވަރެއް ނުވަތަ ރަސޫލާގެ ދެތިން ހަދީސެއް ދަސްކުރަން ދަރިވަރުންނާ ހަވާލު ކުރިޔަސް، ބެލެނިވެރިން ޓީޗަރާ ބައްދަލުކޮށްފައި އެކަމުގެ ކަންބޮޑުވުން ފާޅުކުރެ އެވެ.
"އެންމެ ފުރަތަމަ ބެލެނިވެރިންނަށާއި ދަރިވަރުންނަށް އެބަ ގަބޫލުކުރެވެން ޖެހޭ، އިސްލާމް ކިޔެވުމަކީ ދީނީ ގޮތުން ވެސް އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކަމެއް ކަން. ގިނަ ބަޔަކަށް ބެލެވެނީ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި. ބެލެނިވެރިންގެ މިފަދަ އަމަލުތަކުގެ ސަބަބުން، ނުސީދާ ގޮތެއްގައި ދަރިވަރުންނަށް މި ހިތްވަރު ދެވެނީ، މި މާއްދާ އަށް ސަމާލުކަން ނުދިނުމަށް،" މާލޭގެ ސްކޫލެއްގެ ޓީޗަރަކު ވިދާޅުވި އެވެ.
ވިސްނަން ޖެހޭ ތިން ކަމެއް
ދަރިވަރުން އިސްލާމް މާއްދާ އަށް ފަރުވާކުޑަކޮށް ނަތީޖާ ދަށްވަމުން ދާ އިރު، އެ ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް މިހާރުން މިހާރަށް ވެސް ފިޔަވަޅު އަޅަން ޖެހެ އެވެ. އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލު ކޮށްލުމުން ޓީޗަރުންގެ ފަރާތުން ލިބުނު ޖަވާބުތަކުން މައިގަނޑު ތިން ކަމެއް ފާހަގަކުރެވުނެވެ.
- ދަރިވަރުންގެ ޒިންމާ ރަނގަޅަށް އުފުލުން
އިސްލާމް މާއްދާ އަކީ ކިޔަވަން ޖެހޭ މުހިންމު މާއްދާއެއް ކަމަށް ގަބޫލުކޮށް ފިލާވަޅުތައް ރަނގަޅަށް ދަސް ކުރަމުން ދާށެވެ.
- ޓީޗަރުންގެ ތައްޔާރުވުން
ފިލާވަޅެއް އުނގަންނައިދޭން ދަރިވަރުންގެ ކުރިމައްޗަށް ދާ އިރު، އެ ފިލާވަޅަކަށް ޓީޗަރު ރަނގަޅަށް ފަރިތަވެ، ތައްޔާރުވާން ޖެހޭނެ އެވެ. ދަރިވަރުގެ ކުރިމަތީގައި "ނޭނގެޔޭ"، "ފަހުން ޖަވާބެއް ދޭނަމޭ" ބުނަން ނުޖެހޭ ވަރަށް ފިލާވަޅުގެ ތެރެއަށް ވަންނާށެވެ. ޓީޗަރުގެ ސިކުނޑީގައި ހުރި މައުލޫމާތުތަކެއް ކުދިންގެ ކުރިމައްޗަށް ބަންޑުންކޮށްލާ އުސޫލުގެ ބަދަލުގައި އެ ކުދިންނާ ގުޅޭ ގޮތަށް ފިލާވަޅު އޮޅުންފިލުވައިދޭށެވެ.
- ސްކޫލްތަކުގެ މެނޭޖްމަންޓާއި މިނިސްޓްރީގެ މަސްއޫލިއްޔަތުތައް
މި ޒަމާނާ އެކަށީގެންވާ ގޮތަށް އިސްލާމް މާއްދާ ކިޔަވައިދެވޭ ގޮތަށް ވަސީލަތްތަކާއި ކަންތައްތައް ފަހިކޮށްދިނުން ވަރަށް މުހިންމެވެ. އިސްލާމް މާއްދާ އަށް ކުދިންގެ ޝައުގު ބޮޑުކުރެވޭނީ އޭރުންނެވެ.
އިސްލާމް ކިޔަވައިދޭ ބައެއް ޓީޗަރުން ދެކޭ ގޮތުގައި ކުދިންގެ ފެންވަރު ރަނގަޅުކުރެވޭނީ މި ތިން ފަރާތުން ވެސް އެ ބައެއްގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްގެންނެވެ. އެހެންކަމުން އާ އަހަރުގެ ކިޔެވުމާ އަޅުގަނޑުމެން ކުރިމަތިލާން ޖެހޭނީ އާ ބަދަލުތަކަކާ އެކު، އާ އަޒުމެއްގަ އެވެ. އިސްލާމް މާއްދާގެ ޝައުގުވެރިކަން ބޮޑުވާނެ ގޮތަށް ކުރެވެން ހުރި ކަންކަން ދެނެގަނެގެންނެވެ.