ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރު ކަމަށް ޝައްމޫން ހަމީދަށް އިސްކަންދީ، މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.

ފަސް މެމްބަރުން ތިއްބަވާ ކޮމިޝަނުން ސަމާއު އަހުމަދު ނަޖީބުގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް އިތުރު މެމްބަރަކު ހޮވަން ރައީސް އޮފީހުން މީގެ ކުރިން އިއުލާންކުރި އެވެ. 

އެއާއެކު، ކުރިމަތިލެއްވި ސަމާއުއާއެކު މަޖިލީހަށް ދެން ފޮނުއްވީ ޝައްމޫންގެ ނަމެވެ.

އޭގެތެރެއިން ރައީސް އިސްކަންދެއްވާފައިވަނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ކުރިން ފުރުއްވި ޝައްމޫނަށެވެ. ސަރުކާރުގެ އެކި މަގާމްތައް މީގެ ކުރިން ފުރުއްވާފައިވާ ޝައްމޫން ވަނީ އާޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަން ވެސް ކުރައްވައިފަ އެވެ. 

އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވައި، ދިރާސާކުރަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ. 

އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މައްސަލަތައް ބަލާ އެޗްއާރުސީއެމަށް ސަމާއު އައްޔަންކުރެއްވީ އޮކްޓޯބަރު، 2021 ގަ އެވެ. އޭނާގެ ފަސް އަހަރުގެ ދައުރު އަންނަ އޮކްޓޯބަރު މަހު ހަމަވާނެ އެވެ.