ޔަމަނުގެ މުހިއްމު ބޮޑެތި ސަހަރުތައް ކޮންޓްރަޯލްކުރާ ހޫތީން ސައުދީއަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ އިންޓަނޭޝަނަލް ހޮސްޕިޓަލަށް އަނެއްކާ ވެސް ހަމަލާދީ، އެކަކު މަރާލުމާ އެކު، ހޫތީންނާ ވާހަކަ ދައްކައިގެން ހައްލެއް ހޯދަން އީރާނުން ސައުދީ ސަރުކާރަށް ހުށަހަހަޅައިފި އެވެ.

އީރާނުގެ މަދަދު ލިބޭ ހޫތީން ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ދިން ހަމަލާގައި އެކަކު މަރުވެ، އެ އެއާޕޯޓަށް އެކި ވަރުގެ ގެއްލުން ލިބުނެވެ. ސައުދީ ސަރުކާރުން ބުނި ގޮތުގައި އެ ހަމަލާގައި މަރުވީ ޕާކިސްތާނުގެ ރައްޔިތެކެވެ. 

ހޫތީން މިދިޔަ ހޮނިހިރު ދުވަހު ވެސް ހަމަ އެެއާޕޯޓަށް ވަރުގަދަ ހަމަލާއެއް ދިނެވެ. އެ ހަމަލާގައި 12 މީހުން މަރުވެ 309 މީހުން ޒަހަމްވި އެވެ.

އެ ދެ ހަަމަލާއަަށް ފަހު، އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ، ސައުދީ ފޮރިން މިނިސްޓަރަށް ގުޅުއްވައި ސައުދީން ހޫތީންނާ ވާހަކަ ދައްކައިގެން ހައްލެއް ހޯދަން ހުށަހަޅުއްވާފައިވާ ކަމަށް އިރާން ސަރުކާރާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.

"ހަމަލާތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި އީރާނުގެ ފޮރިން މިނިސްޓަރު ފާހަގަކުރެއްވީ ސިޔާސީ ހައްލަކަށް ނުބަލާ ނަމަ މައްސަަލަ އިތުރަށް ބޮޑުވާނެކަން،" އީރާނު ސަރުކާރުގެ ޓެލެގްރާމް ޕޯސްްޓެއްގައި ބުނި ކަމަށް އަަލްޖަޒީރާގެ ޚަބަރުގައި ވެ އެވެ.

ހޫތީންނާ ސައުދީއާ ދެމެދު އޮތް ހަމަނުޖެހުމަށް އަސްކަރީ ހައްލެއް ނެތް ކަމަށާއި ސައުދީ އާއި ޔަަމަނާ ދެމެދު ވާހަކަތައް ފެއްޓުމަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ދޭން އިރާން ތައްޔާރަށް އޮތް ކަމަށް ވެސް ސައުދީ ފޮރިން މިނިސްޓަރަށް ކުރެއްވި ކޯލްގައި އަރަގްޗީ ވިދާޅުވި އެވެ.

ހޫތީން ސައުދީއަށް ހަމަލާދެމުން ގެންދަނީ އެ ގައުމުން ޔަމަނު ހިސޯރުކޮށް ވައިގެ ހަމަލާތައް ދެމުން ގެންދާތީ ކަމަށް އެ މީހުން ބުނެ އެވެ. ސައުދީ އަށް ދޭ ހަމަލާތައް ހޫތީން އިތުރުކުރީ ޔަމަނުގެ ސަރުކާރު ކަމަށް ސައުދީ އާއި އެހެން ބައެއް ގައުމުތަކުން ބަލައިގަންނަ ލަޝްކަރުތަކުން ހޫތީންނާ ދެކޮޅަށް ދޭ ހަމަލާތައް އިތުރު ކުރުމުންނެވެ.

ހަމަލާދިނުން ވަގުތީ ގޮތުން ހުއްޓާލަން އެ ލަޝްކަރުތަކާއި ހޫތީންނާ ދެމެދު 2022 ވަނަ އަހަރު އދ. މެދުވެރިވެގެން ސޮއިކުރި އެއްބަސްވުން މިހާރު ވަނީ އުވާލައިފަ އެވެ.