ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމުގެ ދަށުން މިހާތަނަށް 244 މީހަކަށް ލޯނު ދޫކޮށްފައިވާ ކަމަށާއި އިތުރު 629 މީހަކަށް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ލޯނު ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ނާޒިމް ވިދާޅުވީ އެ ސްކީމަށް ހުށަހެޅުމުގެ މުއްދަތު މިދިޔަ އަހަރުގެ އޭޕްރީލް 30 އަށް ހަމަވިއިރު  2،256 އެޕްލިކޭޝަން ލިބުނު ކަމަށެވެ. 

އެކި މަރުހަލާތަކުގައި ބޭންކްތަކާއި އެޕްލިކަންޓާއި ހައުސިން މިނިސްޓްރީން މުއާމަލާތްކޮށްގެން އެޕްރޫވްކުރީ 891 ފޯމެވެ. 

"އޭގެ ތެރެއިން މިހާރު އަޅުގަނޑުމެން ވާނީ 629 މީހަކަށް ލޯނު ދޫކުރުމަށް އެންމެ ފަހުގެ މަރުހަލާގެ ތައްޔާރީތައް ވެފައި. 244 ފަރާތަކަށް މިހާރު ވާނީ ލޯނު ދޫކޮށްފައި. އެެހެންވީމަ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ބާކީ އޮތް 629 މީހުންނަށް ވެސް ލޯނު ދޫކުރެވިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ހިޔާވަހި ލޯނު ސްކީމު ދޫކުރުމަށް އެޕްރޫވްކޮށްފައިވާ 891 މީހުންނަށް މިއަހަރުގެ ނިޔަލަށް ލޯނު ދޫކުރާނެ އެވެ. 

އޭނާ ވިދާޅުވީ އުސޫލުގައި އޮންނަ މިންގަނޑުތައް ފުރިހަމަކުރުމަށް މިނިސްޓްރީން ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެ. އޭގެ ތެރޭގައި އުސޫލުގައިވާ ގޮތުން ކުރެހުމުގައި ކޮމާޝަލް ބޭނުމަށް ދޫކުރެވެނީ އެ އިމާރާތުގެ ވިހި ޕަސެންޓެވެ. އަދި ބާކީ ދޫކުރަންޖެހެނީ މީހުން ދިރިއުޅުމުގެ ބޭނުމަށް ނަމަވެސް ގިނަ ބަޔަކު ހުށަހަޅާފައި އޮތީ އެގޮތަކަށް ނޫނެވެ. އެހެންވެ، އެކަން ހައްލުކުރުމަށް ވެސް ވަގުތު ހޭދަވި ކަމަށް ވިދާޅުވި އެވެ. 

އެ ސްކީމުގެ ދަށުން ތިން ކެޓަގަރީއަކުން ލޯނު ދޫކުރެ އެވެ. އެއީ؛

• ރަށްވެހި / ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ސްކީމް

• ސަހަރު / އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ސްކީމް

• ފަހިމާލެ / މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ސްކީމް

ނާޒިމް ވިދާޅުވީ ފަހިމާލެ ކެޓަގަރީގެ ދަށުން 40 ލޯނެއް އެޕްރޫވްކޮށްފައިވާ ކަމަށާއި ސަހަރު ކެޓަގަރީން 438 އެޕްލިކޭޝަނެއް އޮޕްރޫވްކުރި ކަމަށެވެ. އަދި ރަށްވެހި ކެޓަގަރީން ދޫކުރަން ނިންމީ 363 އެޕްލިކޭޝަނަކަށް ކަމަށް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެ ސްކީމަކީ ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވުނު މަޝްރޫއުއެކެވެ. އަދި އެފަދަ އެހެން މަޝްރޫއުއެއް ކުރިއަށް އޮތް ދެ މަސް ތެރޭގައި އިފްތިތާހުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. 

ބީއެމްއެލް އާއި އެޗްޑީއެފްސީ އަދި އެމްއައިބީއާއެކު ކުރިއަށް ގެންދާ މި ފައިނޭންސިން ޕްރޮގްރާމުން ލޯނު ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގަ އެވެ. އެ ސްކީމުގެ ދަށުން ލޯނު ނަގާ މީހުންނަށް ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އެވެ. އަދި އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ މީހުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެ އެވެ.

ނަމަވެސް، އާބަން ސަރަހައްދުތަކުގެ ލޯނު ނަގާ މީހުން އިކުއިޓީއަށް ފަސް ޕަސެންޓް އަދި މާލެއިން ގެދޮރު އަޅަން ލޯނު ނަގާ މީހުން އިކުއިޓީގެ ގޮތުގައި 10 ޕަސެންޓު ބަހައްޓަން ޖެހޭނެ އެވެ.

މުޅި ސްކީމަށް އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.