ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ 1970ގެ އަހަރުތަކުގެ ތެރޭގައި ވަރަށް އާދައިގެ ގޮތަކަށް ފެށުނު ސިނާއަތެކެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ ސިނާއަތް ތަރައްޤީވަމުން އައިސް މިހާރު ރާއްޖެ ވެފައިވަނީ ފަތުރުވެރިންގެ ތެރޭގައި މަޝްހޫރު އަދި މަޤްބޫލު މަންޒިލަކަށެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ ބައިނަލްއަޤްވާމީ ބްރޭންޑްތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، ވޭތުވެދިޔަ އަހަރު ވެސް ރާއްޖެއަށް ވަނީ 1 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އަދި ރާއްޖޭގެ ގިނަ ބަޔަކާއި ރާއްޖޭން ބޭރުގެ އެތައް ބައެއްގެ އާމްދަނީ ހޯދުން ވެސް ގުޅިފައިވަނީ ހަމަ އެ ސިނާއަތާއެވެ.

ފަތުރުވެރިންނަށް ޚާއްސަކޮށްގެން ރާއްޖެއާ ބެހޭ އެކި މަޢުލޫމާތު ހިމެނޭ ގޮތަށް އެތައް މަޖައްލާއެއް ވަނީ މީގެ ކުރިން ވެސް ރާއްޖޭގައި ޝާޢިއުކޮށްފަ އެވެ. ނަމަވެސް ޕަރސްޕެކްޓިވް ޕްރައިވަޓް ލިމިޓެޑް އިން ޖެނުއަރީ 2014 ގައި ނެރެން ފެށި 'ހޮޓެލިއަރ މޯލްޑިވްސް' އަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަމާޒުކުރުމުގެ ބަދަލުގައި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަ ކޮށްގެން ނެރެން ފެށި ފުރަތަމަ މަޖައްލާ އެވެ.

ދެ މަހުން އެއް މަހު ނެރޭ 'ހޮޓަލިއަރ މޯލްޑިވްސް' މަޖައްލާއިން، ރިޒޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ޝެފުން އަދި މިނޫން ވެސް އެހެން ފަރާތްތަކުގެ އިންޓަރވިއުތަކާއި ރިޒޯޓުތަކާއި ރިޒޯޓުތަކުގެ ރެސްޓޯރަންޓްތަކާއި ސްޕާ ފަދަ ތަންތަނާ ބެހޭ ރިވިއުތަކާއި ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭ އެންމެ ފަހުގެ ޚަބަރުތަކާއި އެ ސިނާއަތުގެ ތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުން ހިފޭނެ ފަދަ މަޢުލޫމާތު ހިމެނޭ އާޓިކަލްތައް ގެނެސްދެއެވެ.

މީގެ އިތުރުން، ބޭންކްތަކާއި އިންޝޫރަންސް ކުންފުނިތަކާއި އެއާލައިންތަކާއި ސަޕްލަޔަރުންނާއި އަދި މިނޫން ވެސް ފަތުރުވެރިކަމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ ޕްރޮފައިލްތައް ވެސް 'ހޮޓެލިއަރ މޯލްޑިވްސް'ގައި ހިމެނެ އެވެ. އެހެންކަމުން 'ހޮޓެލިއަރ މޯލްޑިވްސް' ވެފައިވަނީ ފަތުރުވެރިކަމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ގުޅުވާލަދޭ މަޖައްލާއަކަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބޭނުންތެރިވާނެ ފަދަ މަޢުލޫމާތު ގެނެސްދިނުމުގެ އިތުރުން، 'ހޮޓެލިއަރ މޯލްޑިވްސް'އަކީ އެމަޖައްލާގައި އިޝްތިހާރުކުރާ ފަރާތްތަކަށް، އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ޔަޤީންކަން ދޭ މަޖައްލާއެއް ވެސް މެއެވެ.

ހޮޓެލިއާ މެގަޒިންގެ ކަވަ ފޮޓޯތަކެއް
ހޮޓެލިއާ މެގަޒިންގެ ކަވަ ފޮޓޯތަކެއް

"އަޅުގަނޑުމެންނަކީ ރާއްޖޭގައި ސަރކިއުލޭޝަން އޮޑިޓް ކުރެވޭ ހަމައެކަނި މަޖައްލާ. މަޖައްލާ ބަހަން ފެށުމުގެ ކުރިން ކޭޕީއެމްޖީ އޮޑިޓް ފަރމްގެ ބޭފުޅުން ބައްލަވާނެ ކިހާ ވަރެއްތޯ ޕްރިންޓް ކުރެވުނީ. ބޭނުންވާ ތަންތަނަށް މަޖައްލާ ރައްދުކުރުމުން އަނެއްކާވެސް އެބޭފުޅުން ބައްލަވާނެ ކާކު، ކޮން ތާކުންތޯ ބަލައިގަތީ،" ޕަރސްޕެކްޓިވްގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު މަމްދޫހް ވިދާޅުވި އެވެ.

މި މަޖައްލާއަށް ލިބުނު ތަރުޙީބާ ގުޅިގެން 2015ގައި ޕަރސްޕެކްޓިވްއިން ވަނީ 'ހޮޓެލިއަރ މޯލްޑިވްސް'ގެ ނަމުގައި ވެބްސައިޓެއް ވެސް ލޯންޗްކޮށްފަ އެވެ. ކުރިން ޝާޢިއުކުރި 'ހޮޓެލިއަރ މޯލްޑިވްސް'ގެ ޢަދަދުތަކުން ފާހަގަކޮށްލެވޭ ބައެއް އާޓިކަލްތަކާއި، ވެބްސައިޓަށް ވަކިން ޚާއްސަކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބައެއް ލިޔުންތައް އަދި ފަތުރުވެރިކަމާ ބެހޭ ތާޒާ ޚަބަރުތައް 'ހޮޓެލިއަރ މޯލްޑިވްސް'ގެ ވެބްސައިޓުން ގެނެސްދެއެވެ. އެވެބްސައިޓް ފަރުމާކޮށްފައި ހުންނަނީ ލިޔުންތައް، އިންޓަވިއުތައް، ސަޕްލަޔަރުންނާއި ފަތުރުވެރިކަމާ ބެހޭ ތަފާތު އުފެއްދުންތައް ވެބްސައިޓްގެ ޓެބްތައް މެދުވެރިކޮށް ކިޔުންތެރިންނަށް ފަސޭހަކަމާ އެކު ބަލައލެވޭނެ ގޮތަށެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ހުޅުވޭ ވަޒީފާގެ ފުރުސަތުތައް ވެސް 'ހޮޓެލިއަރ މޯލްޑިވްސް' ވެބްސައިޓުން ގެނެސްދެއެވެ.

"މި ދާއިރާގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ޙަޤީގަތާ އެއްގޮތް އަދި ބޭނުންތެރި މަޢުލޫމާތު ފޯރުކޮށްދެވޭކަން އަޅުގަނޑުމެން ޔަޤީން ކުރަން. މިސާލަކަށް އަލަށް ހުޅުވާ ރިސޯޓަކަށް ބޭނުން ވެދާނެ ފަދަ ސަޕްލަޔަރުންގެ މަޢުލޫމާތު،" މަމްދޫހް ތަފްޞީލްކޮށްދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުން ހޮޓެލިއަރ މޯލްޑިވްސްގައި ޝާޢިއުކުރެވެނީ ހަމައެކަނި ރާއްޖޭގެ ސަޕްލަޔަރުންނާ ބެހޭ މަޢުލޫމާތު އެކަންޏެއް ނޫނެވެ. ރާއްޖޭގެ ސަޕްލަޔަރުންގެ އިތުރުން އޭޝިއާ، ޔޫރަޕް، އޮސްޓްރޭލިއާ އަދި ގަލްފް ސަރަޙައްދުގެ ޤައުމުތަކުގެ ސަޕްލަޔަރުން ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުމަށް 'ހޮޓެލިއަރ މޯލްޑިވްސް'ގެ ބޭނުން ހިފަ އެވެ.

"ބޭރުގެ ކުންފުނިތަކުން އެޑްވަރޓައިޒް ކުރަން ބޭނުންވާ ޑޮމެއިންއަކަށް ހޮޓެލިއަރ މޯލްޑިވްސް ވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" މަމްދޫހް ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުން 'ހޮޓެލިއަރ މޯލްޑިވްސް'އަށް ލިބެމުން އަންނަ ތަރުޙީބާ އެކު، އެމަޖައްލާ ޝާޢިއުކުރާ ކުންފުނި ކަމަށްވާ ޕަރސްޕެކްޓިވް ޕްރައިވެޓް ލިމިޓެޑްއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް އެހީތެރިވެދޭނެ ފަދަ މަސައްކަތްތަކެއް ވެސް ފަށާފައެވެ. މިގޮތުން ވޭތުވެދިޔަ މޭ މަހު ޕަރސްޕެކްޓިވްއިން ވަނީ ރާއްޖޭގެ ފުރަތަމަ ޖީއެމް ފޯރަމް ހުޅުލެ އައިލަންޑް ހޮޓެލްގައި ބާއްވާފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ކަންކަމާއި ދިމާވާ ބައެއް މައްސަލަތަކާއި މައްސަލަތަކަށް ހުރި ޙައްލުތަކާ ބެހޭ ގޮތުން މަޝްވަރާކުރި މި ފޯރަމްގައި ރާއްޖޭގެ އެކި ރިސޯޓުތަކުގެ 22 ޖެނެރަލް މެނޭޖަރުންނާއި 54 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވި އެވެ. ހޮޓެލިއަރ މޯލްޑިވްސް ޖީއެމް ފޯރަމްގެ ނަމުގައި ޕަރސްޕެކްޓިވް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބާއްވާ މި ފޯރަމް އަހަރަކު އެއްފަހަރު އޮންނާނެކަމަށް މަމްދޫހް ވިދާޅުވި އެވެ.

ކޮކޯ ކަލެކްޝަންގެ 'ބްރީޒް' މަޖައްލާ
ކޮކޯ ކަލެކްޝަންގެ 'ބްރީޒް' މަޖައްލާ

އޭނާ ވިދާޅުވި ގޮތުން ޕަރސްޕެކްޓިވް ޕްރައިވެޓް ލިމިޓެޑުން މިވަގުތު ދަނީ ފަތުރުވެރިކަމާ ބެހޭ ބައިނަލްއަޤްވާމީ މަޝްހޫރު ބްރޭންޑިންގް ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ބްރޭންޑިންގްގެ މަސައްކަތުގައި ޙަރަކާތްތެރިވުމުގެ އިންތިޒާމްތައް ޕަރސްޕެކްޓިވްއިން މިވަގުތު ރާވަމުން ދާއިރު މި ޖޮއިންޓް ވެންޗަރއާ ބެހޭ އިތުރު މަޢުލޫމާތު ކައިރި މުސްތަޤްބަލެއްގައި ޕަރސްޕެކްޓިވްއިން ހާމަކުރާނެ ކަމަށް ވެސް މަމްދޫހް ވިދާޅުވި އެވެ.

'ހޮޓެލިއަރ މޯލްޑިވްސް'ގެ އިތުރުން، ކޮކޯ ކަލެކްޝަންގެ 'ބްރީޒް' މަޖައްލާ ވެސް ތައްޔާރުކުރަނީ ޕަރސްޕެކްޓިވް ޕްރައިވަޓް ލިމިޓެޑުންނެވެ. އަހަރަކު ތިން ފަހަރު 1،500 ކޮޕީއާ އެކު ނެރޭ 'ބްރީޒް' މަޖައްލާ އަކީ ކޮކޯ ކަލެކްޝަންގެ ކޮކޯ ޕާމް ދުނިކޮޅާއި ކޮކޯ ބޮޑުހިތި ރިޒޯޓަށް އަންނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ތައްޔާރުކުރާ މަޖައްލާއެކެވެ. މީގެ އިތުރުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ)ގެ ނިއުސްލެޓަރ ތައްޔާރުކުރުމުގެ މަސައްކަތާ ވެސް ޕަރސްޕެކްޓިވްއިން ވަނީ ހަވާލުވެފަ އެވެ.

* ހޮޓެލިއަރ މޯލްޑިވްސްއާ ގުޅުއްވަން: [email protected]