މަގުމަތިން ދަނިކޮށް މީހަކު އަތުގައި ހިފައިފިއްޔާ ދެން ހަދާނެ ގޮތް އިނގޭ ހެއްޔެވެ؟ ނޫނީ ގޭތެރެއިން ނުވަތަ ބޭރުން ވެސް މީހެއްގެ އަނިޔާއާ ކުރިމަތިލާން ޖެހިއްޖެއްޔާ އެކަމުން ދިފާއުވާން އެނގޭ ހެއްޔެވެ؟ ނޭނގޭ ކަމަށް ވަނީ ނަމަ ހޯޕް ފޯ ވިމެން އިން ފަށަން ތައްޔާރުވާ ސެލްފް ޑިފެންސް ކްލާހަށް ދާށެވެ.

އަންހެނުންގެ އެ ޖަމިއްޔާއިން އަންނަ ހުކުރު ދުވަހުގެ ރޭ ފަށާ، ސެލްފް ޑިފެންސް ކްލާހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ހޯޕް ފޯ ވިމެންގެ ކޯޑިނޭޓަރު އައިޝަތު ނުޒުހާ ވިދާޅުވީ ކޮންމެ ތިން އަންހެނަކުން އެކަކަށް އެކި ކަހަލަ އަނިޔާއާ ކުރިމަތިލާން ޖެހޭއިރު، އެކަމުން ދިފާއުވުމަށް އަމިއްލައަށް ކުރަން ޖެހޭ ކަންކަން އެނގެން ޖެހޭ ކަމަށެވެ. މަހަކު ދެ ފަހަރު، އެ ޖަމިއްޔާއިން ހިންގާ އެ ކްލާސްތަކުގައި އެ ކަންކަން ކިޔައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަގުމަތިން ދާއިރު ވެސް ނޫނީ ގޭތެރޭގައި އުޅޭއިރު ވެސް އެކި ކަހަލަ ގޯނާތައް އެބަކުރިމަތިވޭ. އެ ފަދަ ހާލަތްތަކުގައި ގިނަ ފަހަރަށް ކުރަންވީ ކީއް ކަމެއް ނޭނގެ. އެހެންވެ، އަޅުގަނޑުމެން މި ކްލާސްތަކުގައި ކިޔައިދޭނީ އެކަންކަމުން ދިފާއު ވާނެ ގޮތް،" ނުޒުހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައިވެރިން ބޭނުންވާ ވަކި ސިނާރިއޯއެއް އޮތްތޯ ބަލައި، އެ ފަދަ ދަނޑިވަޅުތަކުގައި ވެސް ކަންކުރާނެ ގޮތް އެ ކުލާހުގައި ކިޔައިދޭނެ ކަމަށެވެ.

މި ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވައިލި ފަހުން މިހާތަނަށް 40 މީހަކު ވަނީ ބައިވެރިވުމަށް ރަޖިސްޓަރީކޮށްފަ އެވެ. އަދި އަންނަ ހުކުރުދުވަހާ ހަމައަށް އެ ފުރުސަތު އެބަ އޮތެވެ.

ނުޒުހާ ވިދާޅުވީ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ނުލިބުނު ނަމަވެސް ދެން އަންނަ ބުރެއްގައި ބައިވެރިވުމުގެ ފުރުސަތު އެ މީހުންނަށް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސެލްފް ޑިފެންސްގެ އުކުޅުތައް ބޭނުން ނުކޮށް ގިނަ ދުވަސް ވާނަމަ ހަނދާން ނެތޭ ކަމަށާއި އެހެންވެ، ގިނައިން މި ފަދަ ކުލާސްތައް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"މިއީ ހުރިހާ އެންމެންނަށް ވެސް އެނގިފައި ހުރުން މުހިއްމު ޕާސަނަލް ނޮލެޖެއް." ނުޒުހާ ވިދާޅުވި އެވެ.

އަންހެނުންނަށް ހާއްސަކޮށްގެން ބައެއް ރަށްރަށުގައި ވެސް ހޯޕް ފޯ ވިމެން އިން މި ފަދަ ކުލާސްތައް ހިންގާފައި ވެ އެވެ. އެކަމަކު އެ ޖަމިއްޔާއިން ބުނީ މި ކުލާސް އެހެން ފަހަރުތަކަށް ވުރެ ހާއްސަ ވާނެ ކަމަށެވެ.