ޖަލުތަކަކީ ޓެރަރިސްޓު ހަނގުރާމަތަކަށް މީހުން ގެންދަން ރެކްރޫޓުކުރާ ކިއްލާއަކަށް ވެފައި އޮތް ތަނެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންނާ މެދުގައި އަމަލުކުރަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ޖަލުގެ ހާލަތު ދަށް ކަމަށް ބުނެ، ގައިދީންތަކެއް ވަނީ ނަޝީދަށް ސިޓީއެއް ފޮނުވައިފަ އެވެ. އަދި އެ ސިޓީތަކުގައި ހުރި މައްސަލަތައް ދިރާސާކުރަން ނަޝީދު ވަނީ މީގެ ކުރިން ހިއުމަން ރައިޓް އެންޑް ޖެންޑަ ކޮމިޓީ އަށް ފޮނުވައިފަ އެވެ. އެ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ލަފާތަކެއް ވަނީ ދީފަ އެވެ.

މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ޖަލުތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި އާއި އަދި އެހެން ބާވަތްތަކުގެ ހުރިހާ ކަމެއް ހިނގާ ތޮއްޖެހިފައި އޮތް ތަނެއް ކަމަށެވެ.

"އަޅުގަނޑަށް މި ވާހަކަ އޮޅުން ފިލުވައިދޭން އިތުރު މާހިރެއް ބޭނުމެއް ނޫން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކޮށްފައި ވާނީ އެ ތަނުގައި،" ތަފާތު މައްސަލަތަކާ ގުޅިގެން އެކި ފަހަރުމަތިން ކުރިން ޖަލުގެ ތަޖުރިބާ ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެތައް އަހަރެއް ވަންދެން ޖަލުގައި ހުކުމް ތަންފީޒުކުރި މީހުންނަށް ޕެރޯލްގެ ދަށުން ލުއި ނުލިބޭތީ އެ މީހުންގެ އާއިލާތަކުން އެކަމުގެ ކަންބޮޑުވުން މަޖިލިހުގެ މެމްބަރުންނަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އެކަމަކު، ފުރަތަމަ ކުރަންވީ ކަމަކީ ޖަލުތައް އިސްލާހުކުރުމުގެ އިންތިޒާމެއް ހަމަޖައްސައި އެ އިންތިޒާމުގެ މައްޗަށް ބިނާކޮށް ސަރުކާރުގެ ހިންގުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އަޑު އެހިން ހޯމް މިނިސްޓަރު (އިމްރާން އަބްދުﷲ) ހަވާލުވެވަޑައިގެންފައި މަންޑޭލާ އުސޫލާ އެއްގޮތަށް ގެންދިއުން އެއީ އަމާޒެއް ކަމަށް ވިދާޅުވި އަޑު. އަޅުގަނޑު އުންމީދުކުރަން، އެ އަމާޒު އަދިވެސް ހޯމް މިނިސްޓްރީގައި އެބަހުރި ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ގައިދީން ފާހަގަކުރި ކަންކަން ރަނގަޅު ކުރެވޭނީ ގާނޫނީ އަދި ނިޒާމީ ބަދަލުތަކެއް ގެނެސްގެން ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ކުރި ދިރާސާތަކުން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ޕެރޯލް ބޯޑު އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރުމުގެ ސަބަބުންނާއި ޕެރޯލްގެ ފުރުސަތު ހައްގުވާ މީހުންނަށް އެ ހައްގު ކަށަވަރުނުކޮށްދީ އޮތުމުން 200 އަށް ވުރެ ގިނަ މީހުން އިންތިޒާރުގައި ތިބި ކަމަށް އެ ކޮމިޓީ އަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންވެ، ޕެރޯލް ހައްގުވާ ގައިދީންނަށް ލަސްނުކޮށް އެ ފުރުސަތު ކަށަވަރުކޮށްދޭން އެދިފައިވެ އެވެ.

ކޮމިޓީ އަށް ފެނުނީ ޕެރޯލް ބޯޑު ބަދަލުކުރުމަށާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް، މުޅި ނިޒާމް ހަރުދަނާ ނުކޮށް އެ މައްސަލަތަކަށް ހައްލު ހޯދައިދެވެން ނެތް ކަމެވެ.

ކްލެމެންސީ ބޯޑުގެ މަސައްކަތްތައް އަވަސްކުރަން އެ ބޯޑުގެ އިދާރީ އޮނިގަނޑު ހަރުދަނާކުރުމާއި، ކޮމިނިއުނިޓީ ސެންޓެންސިން ޕްރޮގްރާމެއް ގާނޫނަށް ގެނެވޭ އިސްލާހެއްގެ ތެރެއިން އެކުލަވާލައި، އެކަމުގެ ނިޒާމެއް ގާއިމުކުރަން ހޯމް މިނިސްޓްރީއާ ހަވާލުކުރަން ކޮމިޓީން ވަނީ ލަފާދީފަ އެވެ.

މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ގިނަ ގައިދީން ޖަލުތަކުގައި ތިބި އިރު، އެ މީހުންނަށް ފަރުވާ އަވަސްކުރުމުގެ ގޮތުން ރީހެބިލިޓޭޝަން ހިދުމަތްތައް ޕްރައިވަޓައިޒްކުރުން މުހިންމު ކަމަށް ބުނެފައިވެ އެވެ.

ނަޝީދު ވަނީ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން އެއްވެގެން ކުޑަ ކޮމިޓީއެއް އެކުލަވާލައިގެން ޖަލުގެ ކަންކަން ރަނގަޅުކުރަން ގެންނަން ޖެހޭ އިސްލާހުތައް ޑްރާފްޓްކޮށް މަޖިލިހަށް ހުށަހަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ.

ރާއްޖޭގެ ޖަލުތަކުގެ މިހާރުގެ ހާލަތުގެ ސަބަބުން އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން އަންނަ ކަމަށް ބުނެ އދ. އިން ދާދި ފަހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.