ކުށް ކޮށްގެން ހޯދާ މުދާ ނެގުމާ ގުޅޭ ބެހޭ ބިލްގައި ހުށަހަޅާފައި ވާނީ ކުށުގެ ތުހުމަތުވާ މީހާގެ ޝަރީއަތް ނުނިމެނީސް މަރުވުން ނުވަތަ ޝަރީއަތަށް ހާޒިރު ނުވެ، ފިލައިގެން އުޅޭ ހާލަތް ފަދަ ހާއްސަ ހާލަތްތަކުގައި މުދާ ނެގޭ ގޮތަށް ކަމަށް އެ ބިލް ހުށަހެޅުއްވި މެންބަރު އަލީ ފަޒާދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ކުރި ބަހުސްގެ ފަހު ފުރުސަތުގައި ފުވައްމުލަކު މެދުދާއިރާގެ މެންބަރު ފަޒާދު ވިދާޅުވީ ބިލުގައި ބަޔާންކޮށްފައި ވާނީ ތިން ހާލަތެއްގައި ދައުލަތަށް މުދާ ނެގުން ކުރިއަށް ގެންދާނެ ގޮތް ކަމަށާއި އެއީ ކުށް ކުރި މީހާގެ މައްޗަށް ދައުވާ ކުރަން ފުުރުސަތު ނުލިބޭ ހާލަތްތައް ކަމަށެވެ. އެ ހާލަތުގައި ވެސް މުދާ ނެގޭނީ ޕްރޮސެކިއުޓާ ޖެނެރަލް އެކަން ހައި ކޯޓަށް ހުށަހަޅުއްވައި އެ ކޯޓުގެ އަމުރެއް ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ގާނޫނުގެ [ބިލުގެ] 74 ވަނަ މާއްދާ، އެ މާއްދާގައި ވަރަށް ސާފުކޮށް އެބަ ބުނޭ ތިން ހާލަތެއްގައި އެ މުދާ ނެގުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތް، [އެކަން] ބަޔާންކޮށްފައި ވަނީ. އެއީ ކުށް ކޮށްގެން މުދާ ހޯދާފައިވާ މީހެއްގެ މައްޗަށް، ދައުވާ ކުރުަމަށް ޓަކައި އެ ފުރުސަތު ނުލިބޭ ހާލަތްތަކުގައި، މިސާލެއްގެ ގޮތުގައި، އޭނާ މަރުވުން، ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކީ ފިލައިގެން އުޅޭ ފަރާތެއް ކަމުގައި ވުން،" ތަފުސީލް ދެއްވަމުން ފަޒާދު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން އޭނާ ހުށަހެޅުއްވި އެ ބިލްގައިވާ ގޮތުން އެ ބިލްގެ މަގުސަދަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ މީހުން އެފަދަ ކުށްތައް ކޮށްގެން ހޯދާ މާލީ މަންފާ ބޭނުންކުރުން ހުއްޓުވުމެވެ. އެފަދަ މުދާ އެ މީހުންގެ އަތުން ނަގައި، އެ މުދަލުން އިތުރު މަންފާއެއް ހޯދުމުގެ މަގުތައް ބަންދު ކުރުމަށްޓަކައި މުދާ ނެގުމުން ކުރިއަށް ގެންދާނެ އުސޫލުތައް ބިލްގައި ކަނޑައަޅާފައި ވެ އެވެ.
ބިލްގެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ އެހެން މެންބަރެއް ނެތުމުން އެ ބިލްގެ ތިންވަނަ ކިއުން މިއަދު އިއްވި އެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި ދެން އޮންނާނީ އެ ބިލަށް ވޯޓަށް އެހުމެވެ.