"ބަޖިރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމްތައް ގެނެސް ދިން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަބީރް ހާން އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެ އެވެ.
ކަބީރާއި އަންހެނުން މިނީ މާތޫރާއި ދެ ދަރިން ކަމަށްވާ ވިވާން ހާނާއި ސަންޔާ ހާން ޗުއްޓީ ހޭދަ ކުރަމުން އަންނަނީ ހައިޑްއަވޭ ބީޗް ރިސޯޓްގަ އެވެ. އެ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ކަބީރާއި މިނީ ވަނީ އިސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.
ފިލްމް ކާބުލް އެކްސްޕްރެސް (2006) އިން ބޮލީވުޑް ދަތުރު ފެށި ކަބީރް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ ސަލްމާނާ އެކު ގެނެސް ދިން "ޓިއުބްލައިޓް" އެވެ. އެކަމަކު އެއީ ބޮޑު ފްލޮޕެކެވެ.
ކަބީރު ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ނިއުޔޯކް (2009)، އޭކް ތަ ޓައިގާ (2012) އަދި ފޭންޓަމް (2015) ހިމެނެ އެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ އިންޑިއާގެ ކްރިކެޓް ތަރި ކަޕިލް ދޭވް ކެޕްޓަނަކަށް ހުރެގެން 1983 ގައި އިންޑިއާ އަށް ކްރިކެޓް ވޯލްޑް ކަޕް ތަށި ގެނެސް ދިން މުބާރާތުގެ ވާހަކަ ކިޔައިދޭ ފިލްމް "83" އެވެ. އެ ފިލްމްގައި ކަޕިލްގެ ރޯލް ކުޅޭނީ ރަންވީރް ސިންގް އެވެ. އެއީ އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
ކަބީރްގެ އަންހެނުން މިނީއަކީ ބަތަލާއެއްގެ އިތުރުން މަޝްހޫރު ޓީވީ ހޯސްޓެއް ވެސް މެ އެވެ. އައި މީ އޯރް މޭ (2013) ފަދަ ފިލްމްތަކުގައި ސައިޑް ރޯލްތައް ކުޅެފައިވާ މިނީ ވަނީ "އިންޑިއަން އައިޑޮލް" ވެސް ހޯސްޓްކޮށްފަ އެވެ.
ކަބީރާއި މިނީ 2010 ގައި ވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި އެވެ.