ބިޒްނާސް މޯލްޑިވްސް އަށް ދޫކޮށްފައި އޮތް ބ. ހިބަޅިދޫ ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް 50 އަހަރަށް ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިން ހިބަޅިދޫ ސަރުކާރުން އަތުލީ ރަށް ދިނުމުގެ މުގާބިލުގައި ދައްކަން އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތް ތިން މިލިއަން ޑޮލަރު ދައްކާފައި ނުވާ ކަމަށް ބުނެ 2016 ގަ އެވެ.

އެއްބަސްވުން ބާތިލްކުރި މައްސަލަ ބިޒްނާސް އިން ހުށަހެޅުމުން 2017 ގައި ސިވިލް ކޯޓުން ހުކުމްކުރީ ހިބަޅިދޫ އަލުން އެ ކުންފުންޏަށް ދިނުމަށެވެ. ނަމަވެސް 2019 ގައި ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، ސަރުކާރުން ހިބަޅިދޫ އަތުލީ ރަނގަޅަށް ކަމަށް ނިންމައިފަ އެވެ. އެހެންވެ، ބިޒްނާސްގެ ފަރާތުން ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ އެވެ.

އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި މައިގަަނޑު ގޮތެއްގައި ބެލީ، އެ ރަށުގެ އެއްބަސްވުން ފުރިހަމަ ކުރަން މުގާބިލު އަދާކުރިތޯ އެވެ. މި މައްސަލައިގައި އަދާނުކުރާ ކަމަށް ބުނާ މުގާބިލަކީ ބިޒްނާސް އިން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައްކަންޖެހޭ ތިން މިލިއަން ޑޮލަރެވެ.

ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ކޮންޓްރެކްޓެއްގެ މުގާބިލާ ބެހޭ އުސޫލުތަކެއް ނެތަސް، އެކަން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ މައްސަލަތަކުން ތަފުސީލު ކުރާކަން ހުކުމުގައި ފާހަގަކުރި އެވެ. އެގޮތުން، ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިން / ޖައުސާ ކޮންސްޓްރަކްޝަންގެ މައްސަލައި މުގާބިލު މާނަކޮށްފައިވާ ގޮތް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހިބަޅިދޫ: އެރަށް ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ނިންމާފައި --
ހިބަޅިދޫ: އެރަށް ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ނިންމާފައި --

"ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ބޭނުމަށް މުގާބިލަކީ ކޮންޓްރެކްޓެއްގައި ހިމެނޭ އެއް ފަރާތުން އަނެއް ފަރާތަށް ވާ ވައުދެއްގެ ރައްދުގައި ވައުދު ރައްދުވާ ފަރާތުން ވައުދުވީ ފަރާތަށް ދޭ އަގު ނުވަތަ ކޮށްދޭ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ނުވަތަ ދޫކޮށްލާ ހައްގެއް" ކަމަށް މީގެ ކުރިން ނިންމާފައިވާ އެ ގަޒިއްޔާގައި އުއްތަމަ ފަނޑިޔާރުގެ ރައުޔުގައިވެ އެވެ.

މުގާބިލެއް ދެވިފައި އޮތުމަކީ ކޮންޓްރެކްޓެއް ފުރިހަމަވާން ޖެހޭ އުންސުރެއްކަން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ އިބްރާހިމް ހަލީލް / ދައުލަތް ގަޒިއްޔާގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ރައުޔަށް ބެލުމުން އެނގޭ ކަން ވެސް މިއަދު ކުރި ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީ އާއި ބިޒްނާސްއާ ދެމެދު ހެދި އެއްބަސްވުމުގައި ތިން މިލިއަން ޑޮލަރު ދޭން އެއްބަސްވެފައިވާއިރު، އެ ފައިސާ އަކީ ގަންނަ ފަރާތުުގެ ހައިސިއްޔަތުން ރަށް ވިއްކާ ފަރާތް ކަމަށްވާ އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ އެއްޗެއް ކަމަށް ހުކުމުގައި ވެ އެވެ. އަދި އެ ފައިސާ ދޭން ޖެހޭނީ އެއްބަސްވުން ތަންފީޒުކުރާ ވަގުތުގައި ކަމަށް އެއްބަސްވުމުން އެނގޭ ކަމަށް ވެސް ހުކުމުގައި ބުންޏެވެ.

ހުކުމުގައިވާ ގޮތުން އެ ތިން މިލިއަން ޑޮލަރުގެ ތެރެއިން އެއްވެސް ފައިސާއެއް ނުދައްކާ ކަމަށް ދައުލަތުން ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ބުނެފައިވެ އެވެ. ނަމަވެސް، ބިޒްނާސް އިން ބުނެފައި ވަނީ އެ ފައިސާ އަކީ އެއްބަސްވުމުގައި ސޮއިކުރުމާ އެކު އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ ކަމަށް ބަލަން ޖެހޭނެ ކަމަށެވެ. އެއީ އެއްބަސްވުމުގައި ސޮއިކުރާ ވަގުތު އެ ފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާ ކުރަން ވާނެ ކަމަށް އޭގައި ބަޔާންކޮށްފައި އޮންނާތީ އެވެ.

ސުޕްރީމް ކޯޓު: އެ ކޯޓުން ނިންމާފައި ވަނީ ދައުލަތުން ހިބަޅިދޫ ނެގީ ރަނގަޅަށް ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސުޕްރީމް ކޯޓު: އެ ކޯޓުން ނިންމާފައި ވަނީ ދައުލަތުން ހިބަޅިދޫ ނެގީ ރަނގަޅަށް ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކަމަކު، އެއްވެސް ފައިސާއެއް އެއްބަސްވުމާ އެއްގޮތަށް ދައްކާފައިވާކަން ސާބިތުކުރަން އެ ކުންފުނީގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން މިއަދުގެ ހުކުމުގައި ވެ އެވެ. ފައިސާ ދޫކޮށްފައިވަނީ ޗެކަކުން ކަމަށް ބިޒްނާސްއިން ބުނި ނަމަވެސް، އެއީ ކޮން ބޭންކެއްގެ އެކައުންޓުން ދޫކުރި ޗެކެއްކަން، އަދި އެ ޗެކް ދޫކުރި ބޭންކުން އެ ޗެކަށް ފައިސާ ދޫކުރިކަން ފަދަ އެއްވެސް އަސާސީ މައުލޫމާތެއް ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ޝަރުއީ އެއްވެސް މަރުހަލާއަކަށް ހުށަހަޅާފައި ނުވާކަން ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، އެއްބަސްވުމުން އެކުލަވައިލުމުގައި އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ތިން މިލިއަން ޑޮލަރު ބިޒްނާސް އިން ދީފައި ނުވާކަން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

އެއްބަސްވުން ގާނޫނީ ގޮތުން ފުރިހަމަ ވާނީ ދެ ފަރާތުގެ ނިޔަތާ އެއްގޮތަށް އެއް ފަރާތުން އަނެއް ފަރާތަށް މުގާބިލު ދެވި، އެއްބަސްވުމުގެ މަގުސަދު ހާސިލުވެފައި އޮތުމުން ކަަމަށާއި މި މައްސަލައިގައި އެގޮތަށް ކަންތައް ކޮށްފައި ނެތުމުން ދެ ފަރާތުގެދެމެދުގައި އެއްބަސްވުމެއް އުފެދިފައި އޮތް ކަމަށް ނުބެލެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

"މި މުއާމަލާތުގައި ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ނަގުލުވެ އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ މުގާބިލު ލިބިފައިވާ ކަމަށް ބަލަން ޖެހޭ ގާނޫނީ އަސާސެއް ނެތް. މުގާބިލު ބަދަލުވުމަކީ ގާނޫނީ ގޮތުންނާއި ޝަރުއީ ގޮތުން ކޮންޓްރެކްޓެއް އުފެދުމުގެ އެއް އުންސުރު ކަމުގައިވާތީ މިކަމުގެ މައްޗަށް ތަރުތީބުވާނެ ނަތީޖާއަކީ ދެ ފަރާތުގެ ދެމެދުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އުފެދިފައި ނުވުން،" ހުކުމުގައިވެ އެވެ.

އެހެންކަމުން، ހިބަޅިދޫ ނެގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އިއްވެވި ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު ތާއީދު ކުރެއްވި އެވެ.

ހިބަޅިދޫ އެއްބަސްވުން ބާތިލު ކުރީ އެ ރަށުން ހަތިޔާރު ފެނިފައި ވަނިކޮށެވެ. ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ވެސް ކުރި އެވެ. އެ ދައުވާތައް ފަހުން ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ.