ބ. ހިބަޅިދޫއާ ކުރިން ހަވާލުވެ އޮތް ކުންފުންޏަށް އެރަށް އަލުން ދޭން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި ހިނގަމުންދާތީ ދަށު ކޯޓުގެ ހުކުމް މިވަގުތު ތަންފީޒުކޮށް ދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ނޮވެމްބަރު، 2015 ގައި ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނު ހިބަޅިދޫއަކީ އޭރު ބިޒްނާސް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ސަރުކާރުން ދޫކޮށްފައި އޮތް ރަށެކެވެ. އެރަށް ސަރުކާރުން އަތުލުމުން އެ މައްސަލަ ބިޒްނާސް ކުންފުނިން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން 2016 ގައި ވަނީ އެރަށް އަނބުރާ އެ ކުންފުންޏާ ހަވާލު ކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ހިބަޅިދޫ އަލުން ހަވާލު ނުކުރާތީ ހުކުމް ތަންފީޒުކޮށް ދިނުމަށް އެދި ބިޒްނާސް ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ރަށް ހަވާލު ކުރަން ކުރި ހުކުމުގެ މައްސަލަ ހައި ކޯޓުގައި ހިނގަމުންދާ ކަމަށެވެ. އެހެންވެ ހައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

ހިބަޅިިދޫން ހަނގުރާމަވެތި ހަތިޔާރާއި ގޮވާތަކެތި ފެނުނީ 2015 ގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ރިޔާސީ ލޯންޗްކޮޅުގައި ތިއްބަވަނިކޮށް އޭގައި އެއްޗެއް ގޮއްވާލި މައްސަލާގެ ތަހުގީގުގެ ތެރެއިންނެވެ.

އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާކޮށްފަ އެވެ.