ހެމާ މާލިނީ ކުޅުނު އެންމެ ހިތްގައިމު އެއް ފިލްމު ކަމަށްވާ "ދަރުމާތުމާ" ގެ ބޮޑު ބައެއް ޝޫޓްކުރީ އަފްގާނިސްތާނުގައި ކަމަށް ވާތީ އެ ހަނދާންތަކާ އެކު އެ ގައުމުގެ މިހާރުގެ ހާލަތާ މެދު އޭނާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފީރޯޒް ޚާން ޑައިރެކްޓްކޮށް، ކުޅުނު ފިލްމުގެ ފޮޓޯތަކަކާ އެކު ޓްވިޓާގައި ވެސް ހެމާ ވަނީ އަފްގާނިސްތާންގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ 1975 ގެ "ދަރުމާތުމާ" ގައި ކުޅުނު ކެރެކްޓާގެ ހުރިހާ މަންޒަރެއް ޝޫޓްކުރީ އަފްގާނިސްތާނުގައި ކަމަށެވެ. އެ ދުވަސްވަރު އެ ގައުމަކީ ވަރަށް އަމާން ސުލްހަވެރި، ހިތްގައިމު ގައުމެއް ކަމަށް ހެމާ ބުންޏެވެ.

"އެކަމަކު ކިހިނެއް މިހާރު މި ވަނީ؟ މިހާރު ފެންނަ މަންޒަރުތައް ވަރަށް ހިތްދަތި،" އަފްގާނިސްތާންގެ މިހާރުގެ ހާލަތަށް އިޝާރާތްކޮށް ހެމާ ބުންޏެވެ.

ހެމާ ބުނި ގޮތުގައި އޭނާ އެންމެ ކަންބޮޑުވަނީ އެ ގައުމުގެ އާދައިގެ ރައްޔިތުންނަށް ޖެހިފައިވާ ހާލާ މެދުގަ އެވެ. އަދި އެތައް ބަޔަކު ގައުމު ދޫކޮށްދާން މަސައްކަތްކުރާ އިރު، މިކަމުގެ ތެރޭގައި ވެސް ހިނގާ ކަންތައްތަކުން ފެންނަނީ ހިތްފަޅައިގެންދާ ކަހަލަ މަންޒަރުތަކެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ފިލްމުގެ ޝޫޓިން އަށް އަފްގާނިސްތާނަށް ދިޔަ އުފާވެރި ތަޖުރިބާ އަކީ އަބަދު ވެސް ހިތުގައި ބިންވަޅު ނެގިފައިވާ ކަމެއް. މެހުމާންދާރީ އެހާމެ ރަނގަޅު. ކަންކަން އިންތިޒާމުވެފައި އޮތްލެއް އެހާ ފުރިހަމަ. ދަތުރުފަތުރުކުރުން ވެސް އެހާ ފަސޭހަކޮށް، އެހާ ރައްކާތެރިކޮށް އޮތީ،" އެކްޓަރު ދަރުމެންދުރާގެ އަންހެނުން ބުންޏެވެ.

ހެމާ ބުނި ގޮތުގައި އޭނާގެ ކާބުލްގެ ތަޖުރިބާ އަކީ ހިތުން ފިލައިގެން ދާނެ ކަމެއް ނޫނެވެ.

"އެހާމެ ރީތި ތަނެއް އެއީ. އޭރު ވަރަށް ހަމަޖެހޭ ސުލްހަވެރި ގައުމެއް އަފްގާނިސްތާނަކީ. ފީރޯޒާ އެކި އަފްގާނިސްތާނުގައި ފިލްމުގެ ޝޫޓިން އަށް ހޭދަކުރި ކޮންމެ ދުވަހަކީ ވަރަށް އުފާވެރި ހަނދާންތަކެއް،" އެތައް އަހަރެއްގެ ހަމަނުޖެހުންތަކާއި ހަނގުރާމައަށް ފަހު އަނެއްކާވެސް ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާން ގޮސްފައި ވާތީ އެކަމަށް އިޝާރާތްކޮށް ބުންޏެވެ.

ހެމާ ބުނި ގޮތުގައި ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން އަފްގާނިސްތާނުގެ ރައްޔިތުންގެ މުސްތަގުބަލާ ދޭތެރޭ ވަރަށް ފިކުރު ބޮޑުވެ އެވެ.

"ކޮންމެ ގައުމެއްގެ ބަޔަކަށް ވެސް ބިރުވެރިކަމެއް ނެތި އަމާންކަމާ އެކު އުޅުމުގެ ހައްގު އޮންނަން ވާނެ. އެކަމަކު އަފްގާނިސްތާނުން ފެންނަ މަންޒަރުން ވަރަށް މާޔޫސްވޭ،" އޭނާ ބުންޏެވެ.

އަފްގާނިސްތާނުގައި ގިނަ މަންޒަރުތަކެއް ޝޫޓްކުރި ހެމާގެ "ދަރުމާތުމާ" އަކީ ވަރަށް ކާމިޔާބު ތުރިލާއެކެވެ. މީގެ ކާސްޓުންނަކީ ހެމާ، ފިރޯޒް، ރޭކާ، ޕްރޭމްނާތު، ޑެނީ ޑެންޒޯންގްޕާ، ފަރީދާ ޖަލާލު، ރަންޖީތު، ދާރާ ސިންގް އަދި މަދަންޕޫރީ ފަދަ ތަރިން ހިމެނެ އެވެ.

މި ފިލްމަކީ ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނޭ ފިލްމެކެވެ. އޭގެ ތެރޭގައި "ކިޔާ ޚޫބް ލަގްތީ ހޯ"، "ތެރެ ޗެހެރޭ މޭ ވޯ ޖާދޫ ހޭ" އަދި "ތުމް ނޭ ކިސީ ސޭ ކަބި ޕިޔާރު ކިޔާ ހޭ" ފާހަގަކޮށްލެވެ އެވެ.