ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތްކުރަން ބޭނުންވާ ވޮލަންޓިއަރުންގެ ދަފްތަރެއް އެކުލަވައިލަން ނިންމައި، ރަޖިސްޓަރީ ކުރަން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް-19ގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ އެޗްއީއޯސީ އާއި އެ ސެންޓަރުގެ ދަށުން މާލެ ސަރަހައްދުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ މީހުންގެ ދަފުތަރެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.

މި ދަފުތަރުގައި ރަޖިސްޓަރީ ކުރާ ވޮލަންޓިއަރުންނަށް އެ ސެންޓަރުން ހިންގާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ އެވެ.

މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ މީހުންގެ ތެރެއިން އެ ވަގުތެއްގައި އެޗްއީއޯސީގައި ކުރަންޖެހޭ މަސައްކަތްތަކަށް ރިޔާއަތްކޮށް، ވޮލަންޓިއަރުން ނަގަމުން ގެންދާނެ ކަމަށް އިއުލާނުގައިވެ އެވެ.

ސާމްޕަލް ނެގުމަށް ދިއުމަށްޓަކައި އާރްއާރްޓީމުގެ ބައެއް މީހުންގެ ދަރުބާރުގެ އިން އެމްބިއުލާންސަށް އަރަނީ.
ސާމްޕަލް ނެގުމަށް ދިއުމަށްޓަކައި އާރްއާރްޓީމުގެ ބައެއް މީހުންގެ ދަރުބާރުގެ އިން އެމްބިއުލާންސަށް އަރަނީ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި، ގޫގުލް ފޯމު މެދުވެރިކޮށް، ރަޖިސްޓަރީ ވާން މިއަދުން ފެށިގެން ފޯމު ހުށަހެޅޭނެ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން، އެކި ހިދުމަތްތައް ދިނުމަށް ހެލްތު މިނިސްޓްރީން ވަނީ، އުޖޫރައެއް ދޭ ގޮތަށް ގިނަ އަދަދެއްގެ ވޮލަންޓިއަރުން ނަގައިފަ އެވެ. ހާއްސަކޮށް މާލޭ ސަރަހައްދުގައި އެންމެ ބޮޑަށް ކޮވިޑް ފެތުރުނު ދުވަސްވަރު އެޗްއީއޯސީ އާއި ހުޅުމާލޭގެ ކޮވިޑް ފެސިލިޓީ އަށް ގިނަ އަދަދެއްގެ ވޮލަންޓިއަރުން ނެގި އެވެ.