ކޮވިޑް-19 އަށް މީހުން ޓެސްޓުކުރުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ޑޮކްޓަރުންގެ މަސްލަހަތު ހިމެނޭ ކްލިނިކްތަކުން މަކަރުހަދާ ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އެކަން ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނޮޅިވަރަމް ދާއިރާގެ އަމިއްްލަ މެމްބަރު މުހައްމަަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައެއްގެ ބަހުސްގައި އަފީފް ވިދާޅުވީ ޕީސީއާރް ޓެސްޓުކަމަށް ބުނެ، ރެޕިޑް ޓެސްޓް ހަދައިގެން ނަތީޖާ ދޭ ވާހަކަ އަޑު އިވޭ ކަމަށެވެ.

"ކަންތައްތައް ކޮންޓްރޯލްކޮށް ރަނގަޅު ސިސްޓަމަކަށް ގެންދަން ތިއްބަވާ ޑޮކްޓަރުން މަކަރު ހަދާކަމަށް ވަންޏާ އަޅުގަނޑުމެންނަށް ކިހިނެއްތޯ މިކަންތައްތައް ހުއްޓުމަކަށް ގެނެވޭނީ. މިއީ މިއަދު އަޅުގަނޑުމެން ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް. މިކަންތައްތައް އަަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން، ކަމާ ބެހޭ ފަރާތްތަކުން، ހާއްސަކޮށް ހެލްތު މިނިސްޓްރީން އެބަ ޖެހޭ ވަރަށް ރަނގަޅަށް ބައްލަވަން،" މެޑިކަލް ސާމާނު ސަޕްލައިކުރުމުގެ ވިޔަފާރިއެއްގައި މަސްލަހަތު އޮންނަ އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވި ގޮތުގައި ކޮވިޑަށް ޓެސްޓްކުރުމުގައި މަކަރު ހަދާ ކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތް ބަލަން ޖެހެނީ އެ ވާހަކަތައް އަބަދު އިވޭތީ ކަމަށެވެ. ވާހަކައެއް ދެކެވޭނީ ކަމެއް ހިނގާތީ ކަމަށް ހިނގާތީ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"ވާހަކައެއް ދެކެވޭނީ ކަމެއް ހިނގާތީ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑަށް ޓެސްޓުކޮށްދޭ ބައެއް ކްލިނިކްތަކުން އަވަހަށް ނަތީޖާ ލިބޭ "އެކްސްޕްރެސް" ހިދުމަތްދެ އެވެ. މިއީ އާންމުކޮށް ކޮވިޑްގެ ޕީސީއާރް ޓެސްޓުގެ ނަތީޖާ ލިބޭ ވަރަށްވުރެ އަވަހަށް ނަތީޖާ ލިބޭ ހިދުމަތެކެވެ.

އަފީފް މި ވާހަކަ ދެއްކެވީ ހދ. ނޮޅިވަރަމްގައި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދޭން ބޭނުންވާ ވަސީލަަތްތައް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކަން ހައްލުކޮށްދޭން ގޮވާލައި ހުށަަހެޅި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ. ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުންނެވެ.

މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ ނޮޅިވަރަމްގައި ކޮވިޑް ފެތުރިފައި އޮތް އިރު އެރަށުގައި އެމްބިއުލާންސެެއް ނެތުމުން ބަލިމީހުން އުފުލަނީ ޕިކަޕެއްގައި ކަމަށެވެ. ނޮޅިވަރަންފަރުގައި ވެސް ބަލި ފެތުރެމުންދާ ކަމަށާއި އެރަށުގައި ސިއްހީ ހިދުމަތްތެރި ނެތުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވެސް ކުއްލި މައްސަލަަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވި އެވެ.