ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މަގާމުން ވަކިކޮށް އެ ވުޒާރާ ހިންގުން އެމްޑީޕީގެ ބެފުޅަކާ ހަވާލުކުރުން މާ ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރަކު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝާއަކީ މި ވެރިކަމުގައި ޖެންޑާ މިނިސްޓްރީ އަށް އައްޔަންކުރެއްވި ދެ ވަނަ ވަޒީރެވެ. ފުރަތަމަ އެ މަގާމުގައި ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ވަޑައިގެންނެވި ޝިދާތާ ޝަރީފެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާނުކުރެއްވޭ ކަމުގެ ތުހުމަތު މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން އަޅުވައި އިސްތިއުފާ ގޮވާލައްވަން ފެއްޓެވުމުންނެވެ.

މަޖިލީހަށް އެޖެންޑާކޮށް ނުނިމި ހުރި މަސަައްކަތްތަކުގެ ތެރެެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރިން ހުށަހަޅުއްވާފައިވާ ގަރާރަކަށް މިއަދު ބަހުސް ކުރައްވަމުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ކުރުމަކީ ވަރަށް ކުޅަދާނަ މީހަކަށް ނޫނީ ނުކުރެވޭނެ ކަމެއް ކަމަށެވެ. އެހެންވެ އެ މިނިސްޓްރީ އެމްޑީޕީގެ މެމްބަރަަކާ ހަވާލުކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެ މިނިސްޓްރީ މިހާރު ހަވާލުކުރަންވީ އެމްޑީޕީ މެމްބަރަކާ. އެމްޑީޕީގެ ވަޒީރަކާ ހަވާލުކުރެވުނީމާ އަޅުގަނޑު ގަބޫލުމިކުރަނީ މިހާރަށް ވުރެ މާ ފުރިހަމައަށް މި ސޮސައިޓީއަށް އެ ހިދުމަތް ދިނުމުގެ މަސައްކަތް އެބޭފުޅަކު ކުރައްވާނެ،" ޖެންޑާ މިނިސްޓްރީގެ ނަން ނުގެންނަވައި ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީއާ ދޭތެރޭގައި ވަޒީރުގެ ހިތްޕުޅުހަމަނުޖެހުން ވަރަަށް ބޮޑަށް އެބަ އޮތް ކަމަށެވެ. އެ ޕާޓީއާ މެދު މިނިސްޓަރު ތަފާތުކުރެއްވުން ވަރަށް ބޮޑަށް ގެންގުޅުއްވާ ކަމަށް ވެސް ޝާހިދު ތުހުމަތު ކުރެއްވި އެވެ.

ޖެންޑާ މިނިސްޓްރީ އައިޝާ ދީދީގެ ބަދަލުގައި އެމްޑީޕީގެ މެމްބަރަކު އައްޔަން ކުރަން ބާރު އަޅުއްވައި އޭނާ ވާހަކަ ދެއްކެވި އިރު، ސަރުކާރު ހިންގާ ކޯލިޝަނުގެ އެހެން ޕާޓީތަކުގެ ސްލޮޓްތަކުގައި ތިިއްބެވި މިނިސްޓަރުން ދުރުކުރުމުގެ އޮއިވަަރެއް އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެންމެ ފަހުން އިތުބާރު ނެތް ކަމަށް ފާސްކޮށްް މިނިސްޓަރުކަމުން ވަކިކުރި މުހައްމަދު މަލީހު ޖަމާލު ވަކިކުރުމަކީ ވެސް އެ އޮއިވަރުގައި އެޅި ފިޔަވަޅެއް ކަމަށް އެފަދަ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އައްޑޫ ހިތަދު އަށް އުފަން އައިޝާ ކުރިން ހިމެނިވަޑައިގަތީ މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ރާއްޖެ އަށް ޑިމޮކްރަސީއާ އެކު އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި އެމަނިކުފާނުގެ ކެބިނެޓަށް އަލަށް ގެންނެވި ބޭފުޅުންގެ ތެރޭގަ އެވެ. ޖެންޑާ މިނިސްޓަރެއްގެ ގޮތުގައި 2005-2008 އަށް މައުމޫންގެ ކެބިނެޓުގައި އާއިޝާ ޚިދުމަތް ކުރެއްވި އެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ކުޑަކުދިންނާ ގުޅޭ ބައިނައަލްއަގްވާމީ ޖަމާއަތް ޔުނިސެފްގަ އެވެ.