ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 16 ކުއްޖަކު، ށ. ފުނަދޫގައި ހަދާފައިވާ "އަމާން ވެށި" އަށް އިއްޔެ ބަދަލުކޮށްފި އެވެ.

އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ރައްކާތެރި މާހައުލެއްގައި ބޮޑުވުމުގެ ފުރުސަތު ދިނުމަށް އެ ކުދިން ފުނަދު އަށް ގެންދިޔައީ ޓްރާންސް މޯލްޑިވިއަން އެއާލައިން (ޓީއެމްއޭ) ސީޕްލޭނެއްގަ އެވެ. މި ދަތުރުގައި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތޮފާ ލުތުފީ އާއި ޖެންޑާ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އާއިޝަތު ރަޝީދު ވެސް ކުދިންނާ އެކު ވަޑައިގަތެވެ.

ބ. އޭދަފުށީގައި ހެދި "އަމާން ވެށި" އަށް ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 17 ކުއްޖަކު މިިދިޔަ މަހު ވަނީ ބަދަލުކޮށްފަ އެވެ. މި ދެ މަރުކަޒުގެ އިތުރުން މިފަދަ އެހެން ތިން މަރުކަޒެއް އަތޮޅު ތެރޭގައި ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ފުނަދޫގައި ކުދިން ބައިތިއްބަން އިމާރާތް ހެދުމަށް ޓީއެމްއޭ އާއި ސަންފްރަންޓް ލިވިންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ އެ ދެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ކުރި މަސައްކަތެކެވެ.

މިނިސްޓްރީން ބުނީ މި މަރުކަޒުތަކުގައި ކުދިން ބަލަހައްޓާނީ އާއިލީ ގުޅުން ބަދަހިކުރަން ހާއްސަ އަހައްމިޔަތުކަމެއް ދީގެން ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ބައިތިއްބަނީ ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެހެންވެ، އެއް އާއިލާއެއްގެ ކުދިން ދެ އިމާރާތެއްގައި އުޅެންޖެހޭ ފަހަރު އާދެ އެވެ. ނަމަވެސް "އަމާން ވެށި"ތަކަށް ބަދަލުކުރާ އިރު އެއް އާއިލާއެއްގެ ކުދިން ބައިތިއްބާނީ އެއް ތަނެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ. މި ކުދިން ތިބޭނީ އެހެން އެ ރަށްރަށުގެ އެހެން އާއިލާތަކާ ވެސް ގުޅިފަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ މުސްތަގްބަލް ބިނާކުރުމަށް ހާއްސަ ތަމްރީން ޕްރޮގްރާމްތައް ތައާރަފްކޮށް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުން ފަދަ ކަންކަން ވެސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.