އައްޑޫ ފޭދޫ ސްކޫލްގެ ކެޑޭޓް ކޭމްޕުގައި އިއްޔެ ކާނާވިހަވި ކުދިންގެ ތެރެއިން ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެނީ ދެ ދަރިވަރުންނަށް ކަމަށް އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބުނެފި އެވެ.
އެ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ކުދިންގެ ތެރެއިން 24 ކުދިން ކާނާވިހަވެގެން އެޑްމިޓްކޮށްގެން ފުރަތަމަ ފަރުވާ ދިނެވެ. އެއީ ފޭދޫ ހެލްތު ސެންޓަރުގައި 12 އަދި މަރަދޫ ހެލްތު ސެންޓަރުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ 12 ކުދިންނެވެ.
ނަމަވެސް ފަހުން ވަނީ އޭގެ ތެރެއިން ބައެއް ކުދިން އޭއީއެޗް އަށް ބަދަލުކޮށްފައިވެ އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ އިސް އޮފިޝަލަކު ވިދާޅުވީ، އިއްޔެ ކާނާ ވިހަވި ދަރިވަރުންގެ ތެރެއިން އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ދެނީ އޭއީއެޗްގައި އޮތް ދެ ދަރިވަރުންނަށް ކަމަށެވެ. ދެ ކުދިންގެ ހާލު ވެސް ސްޓޭބަލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބާކީ ތިބި ކުދިންގެ ހާލު ރަނގަޅުވުމުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
އެ ދެ ކުދިންނަށް އެޑްމިޓް ކޮށްގެން ފަރުވާދެމުން އައި ނަމަވެސް އެ ކުދިން ކާނާވިހަވީ ކޯޗަކަށް ކަމެއް ނޭނގެ އެވެ.
"ކާނާ ވިހަވީ ކޯއްޗަކަށް ކަމެއް އަދި ނޭނގޭ، ޕޮލިހުން ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ،" އެ އޮފިޝަލު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ކޭމްޕަށް ކެއުން ފޯރުކޮށްދިނީ ބުރުޒު ކޭޓަރިންގެ ފަރާތުންނެވެ.
އެ ދަރިވަރުން ކާނާ ވިހަވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވެސް ވަނީ ބަލަން ފަށައިފަ އެވެ.
މި ފަހަރުގެ ކެޑޭޓް ކޭމްޕުތައް ބައެއް ސްކޫލުތަކުގައި މިހާރު ނިންމާލާފައިވާ ނަމަވެސް ގިނަ ސްކޫލުތަކުގައި ކުރިއަށް ގެންދަނީ ތިން ދުވަހަށެވެ. ކޭމްޕުގެ ފަހު ދުވަހަކީ މިއަދު އެވެ.