ފީފާގެ މިންގަނޑަށް ފެތޭ ފުޓްބޯޅަ ދަނޑަކާއި ސްޕޯޓްސް ކޮމްޕެލްކްސްއެއް ހދ. ނޮޅިވަރަންފަރުގައި އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރޭ ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގައި އެ ދެ މަޝްރޫ ހިންގަން ކުންފުނިތަކާ އެކު ސްޕޯޓްސް މިނިސްޓްރީން ސޮއި ކުރި އެވެ.

ފުޓްބޯޅަ ދަނޑުގެ މަޝްރޫ އާއި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ހިންގާނީ ތަފާތު ދެ މަޝްރޫއެއްގެ ގޮތުގަ އެވެ. ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަވާލު ކުރީ އާރްޑީސީ އަށެވެ. ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލް އަށެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުޓްބޯޅަ ސްޓޭޑިއަމާއި ސްޕޯޓްސް ކޮމްޕްލެކްސްގެ މަޝްރޫ ނިމިގެން ދިއުމުން، އެކަން ވާނީ ކުޅިވަރުގައި ކާމިޔާބު ހޯދަން ހުޅުވޭ ބޮޑު ދޮރަކަށެވެ.

ފީފާގެ މިންގަނޑަށް ފެތޭ ފުޓްބޯޅަ ދަނޑެއް ނޮޅިވަރަންފަރުގައި އެޅުމަށް އާރްޑީސީއާ އެކު ސޮއި ކުރުމަށް ފަހު ސްޕޯޓްސް މިނިސްޓަރު ރާފިއު އާއި އާރްޑީސީގެ އެމްޑީ ނަޒީމު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ރައީސް އޮފީސް
ފީފާގެ މިންގަނޑަށް ފެތޭ ފުޓްބޯޅަ ދަނޑެއް ނޮޅިވަރަންފަރުގައި އެޅުމަށް އާރްޑީސީއާ އެކު ސޮއި ކުރުމަށް ފަހު ސްޕޯޓްސް މިނިސްޓަރު ރާފިއު އާއި އާރްޑީސީގެ އެމްޑީ ނަޒީމު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ރައީސް އޮފީސް

"މި ދެ ކަންތައް ވެގެންދިޔައީމަ ހަގީގަތުގައި އެ ވެގެންދާނީ ވަރަށް ފުރިހަމަ ގޮތުގައި ކުޅިވަރު ތަރައްގީ ކުރުމުގައި ވަރަށް ބޮޑެތި ކާމިޔާބުތައް ހޯދުމުގައި ވަރަށް ބޮޑު ދޮރެއް ހުޅުވިގެންދާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

"ފުޓްބޯޅައިގެ ދާއިރާއިންނާއި އަދި ޖުމުލަކޮށް ވަރަށް ގިނަ އިންޑޯ ކުޅިވަރުތައް ކުޅެވޭ ގޮތަށް މިކަން މި ހަމަޖެހިގެންދަނީ."

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސްޕޯޓްސް ކޮމްޕެލްކްސްއަކީ ބޮޑު މަޝްރޫއަކަށް ވުމުން އެ މަސައްކަތް އެއްކޮށް ނިންމަން ދިގު މުއްދަތެއް ހޭދަވާނެ އެވެ. ނަމަވެސް އެ މަޝްރޫ އެއްކޮށް ނުނިމުނަސް ބައެއް ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އެހެން އިންތިޒާމުތަކެއް އެ ރަށުގައި ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ އެ މަނިކުފާނު ވިދާޅުވީ ނޮޅިވަރަންފަރުގައި އައުޓް ޑޯ ވޮލީ ކޯޓެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. ސޮއި ކުރި މަޝްރޫތައް ހަލުވިމިނުގައި ކުރިއަށްގެންދިއުމަށް، އެކަމާ ގުޅުން ހުރި މިނިސްޓްރީތަކުން ވަރަށް ގާތުން ބައްލަވަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.