ކައުންސިލުން އާމްދަނީ ހޯދުމަށް ހދ. ނައިވާދޫ ކުރީގެ ހުކުރު މިސްކިތް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

ކައުންސިލްގެ އިއުލާނުގައި ވަނީ އެ ރަށު މަސްޖިދުއްސަލާމް ނުވަތަ ކުރީގެ ހުކުރު މިސްކިތް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 20 ގެ 10:00 އަށް އެ އިދާރާއަށް ހާޒިރުވެ، އެތަން ކުއްޔަށް ހިފަން ބޭނުންވާ އަގު ހުށަހެޅޭނެ ކަމަށެވެ.

ކުރީގެ ހުކުރު މިސްކިތް ކުއްޔަށް ދޫކުރަން މިއީ ހުޅުވާލި ދެވަނަ ފަހަރެވެ. އެ އިއުލާނުގައިވާ ގޮތުން ކުރީގެ އިއުލާން ބާތިލްކުރީ އިމާރާތާބެހޭ ކުރެހުމުގެ މައުލޫމާތު ޝީޓާ އެކު ދީފައިވާ ދެ ކުރެހުމުގައި ހުރި މިންތައް އެއްގޮތް ނުވާތީ އެވެ.

ކައުންސިލްގެ ރައީސް އަލީ ރަޝީދު، "މިހާރު" އަށް ވިދާޅުވީ ކުރީގެ ހުކުރު މިސްކިތް ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ ބޭނުން ނުކޮށް އިމާރާތް ބެހެއްޓުމުގެ ބަދަލުގައި އެތަނުން ފައިދާ ލިބޭނެ ކަމެއް ކުރުމުގެ ގޮތުން ކަމަށެވެ.

ގާތްގަނޑަކަށް 860 އެއްހާ މީހުން އުޅޭ ނައިވާދޫގައި މީހުން ނަމާދުކުރަނީ އެހެން ދެ މިސްކިތެއްގަ އެވެ.

ރަޝީދު ވިދާޅުވީ ކުރީގެ ހުކުރު މިސްކިތަކީ ވަރަށް ވަރުގަދަކޮށް އިމާރާތްކޮށްފައި ހުރި ތަނެއް ކަމަށެވެ. އެތަން ހުންނަނީ ސީލިންގާ ހަމައަށް ތަށިމުށި ޖަހައިފަ އެވެ.

ރަޝީދު ވިދާޅުވީ އެތަން ކުއްޔަށް ހިފައި ބަޔަކަށް އެތަން މަރާމާތުކޮށްގެން ބޭނުންކުރެވޭނެ ކަމަށެވެ. އެކަމަކު އެތަން ހަޑިވާ ޒާތުގެ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވޯކްޝޮޕް ހިންގުމާއި ސިމެންތި ގުދަން ހެދުން ފަދަ ކަންކަމަށް މިސްކިތު އިމާރާތް ބޭނުންކޮށްގެންނެއް ނުވާނެ އެވެ.

"ކުދި ވިޔަފާރިކުރުން ކަހަލަ ހަޑިނުވާ ޒާތުގެ ކަންކަން އެތަނުގައި ކުރެވޭނެ. މިސްކިތުގެ އިތުރުން އެތަނުގެ ގޯތި ތެރޭގައި ވަރަށް ބޮޑު ޖާގައެއް އޮންނާނެ."

މިސްކިތުގެ ގޯތި ތެރޭގައި ފެންޑާ ހަދައިގެން ބޭނުންކުރެވޭ ގޮތަށް އެތަން ދޫކުރަން ނިންމާފައިވާއިރު ރަޝީދު ވިދާޅުވީ އެތަން ކުއްޔަށް ދޫކުރާނީ ހަތަރު ބަޔަކަށް ބަހާލައިގެން ކަމަށެވެ.

ރަށުގެ ބަނދަރާ ކައިރީގައި މި މިސްކިތް ހުންނާނީ ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ކަމަށް ރަޝީދު ވިދާޅުވެ އެވެ.