ހދ.ކުރިނބީ ސްކޫލްގެ އިންޑިއާ ޓީޗަރަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެ ރަށު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.

އެ ރަށު ހުޅަނގު އުތުރުފަރާތު ގޮނޑުދޮށުގައި މަރުވެފައި އޮއްވައި ފެނުނީ ބަޔޮލޮޖީ ކިޔަވައިދޭ އިންޑިއާގެ އަންހެން ޓީޗަރެކެވެ. އެއީ އެ ރަށުގައި އުޅޭތާ ތިން އަހަރު ވެފައިވާ މީހެކެވެ.

އެ ރަށުގެ ކައުންސިލް މެމްބަރު އަބްދުލް ފައްތާހު ވިދާޅުވީ އެ ޓީޗަރު ގެއިން ނިކުތީ މިރޭ 8:00 ޖަހާއިރު ކަމަށް އެނގިފައިވާ ކަމަށެވެ.

"ގޮނޑުދޮށުގައި މަރުވެފައި އޮއްވައި ފެނުނީ މިރޭ 8:45 ހާއިރު. ސްކޫލްގައި އުޅޭ ބިދޭސީ އެހެން ޓީޗަރަކަށް ފެނުނީ،" ފައްތާހު ވިދާޅުވި އެވެ.

ފައްތާހު ވިދާޅުވީ އާންމުންގެ އެހީތެރިކަމާ އެކު އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ޓީޗަރުގެ ކޮޓަރިން ސުއިސައިޑް ނޯޓެއް ކަމަށް ބެލެވޭ ލިޔުމެއް ފެނިފައިވާ ކަމަށާއި އެކަމަކު އެ ލިޔެފައި އޮތް ބަސް ކިޔަން ނޭނގޭތީ އޭގައި އޮތް އެއްވެސް އަދި ނޭނގޭ ކަމަށް ފައްތާހް ވިދާޅުވި އެވެ.

މަރުގެ މި މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައި ވިޔަސް އުތުރުގެ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައި ވާތީ ފުލުހުންނަށް އަދި ރަށަށް ނުދެވޭ ކަމަށް ކައުންސިލުން ބުންޏެވެ. އެހެންވެ ފުލުހުން އަންގާ ގޮތަށް މި ވަގުތަށް ކައުންސިލުން އަމަލުކުރަމުން އަންނަ ކަމަށް ފައްތާހު ވިދާޅުވި އެވެ.