ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ އެހީގައި ހދ. ކުރިނބީގައި އައުޓްޑޯ ޖިމެއް ހުޅުވައިފި އެވެ.

ބޭންކުން ބުނީ އެ ޖިމަކީ ކުރިނބީގެ ރައްޔިތުން ދުޅަހެެޔޮ ސިއްހަތެއްގައި ތިބެން ބާރުއެޅުމުގެ ގޮތުން އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ “ކުރިނބީ ޔޫތު މޫވްމަންޓް” ގެ މެމްބަރު އާދަމް ޝަޒީމް އިސްނަގައިގެން ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށެވެ. ޖިމުގައި ކަސްރަތު ކުރަން ތަފާތު ހަތް އިކުއިޕްމަންޓް ބަހައްޓާފައިވާއިރު މީގެ ތެރެއިން ތިން އިކުއިޕްމަންޓް ހަދިޔާކުރީ ކޮމިއުނިޓީ ފަންޑުން ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ރަށުގެ ރައްޔިތުންނަށް ދުރު މުސްތަގުބަލެއްގައި ވެސް ފައިދާ ވާން ޖެހޭ ޕްރޮޖެކްޓުތަކެކެވެ. ކުރިނބީގައި ހުޅުވި އެ ޖިމަކީ އެފަދަ ޕްރޮޖެކްޓެއް ކަމަށާއި މީގެ ސަބަބުން ކުރިނބީގެ ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައި ވެސް ފައިދާ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރެވުނު މި ޖިމަކީ ކުރިނބީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެއް. ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ އަޅުގަނޑުމެން ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައި،" ސައީދު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓް ކާމިޔާބު ކުރި އާދަމް ޝަމީޒު ބުނީ ރަށުގައި ކަސްރަތު ކުރަން ހާއްސަ ސަރަހައްދެއް ނެތުމުން ގިނަ ބަޔަކަށް އުދަނގޫތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ރަށުގެ ރައއޔިތުންނަށް ފަސޭހައިން ކަސްރަތު ކުރެވޭނެ ގޮތް ހޯދައި ދީ އެ މީހުންނަށް އެހީވާން ބޭނުންވި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށްވީ ހިތުގެ ބަލި، ޑައިބެޓިކްސް، ޕްރެޝަރު މަތިވުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް އަދި އަމިއްލައަށް ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމަށް އެހީވުން. މިއީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ވެސް ހާއްސަ ޖިމް އަކަށް ވާނެކަމަށް އުއްމީދުކުރަން،" ޝަޒީމް ބުންޏެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލުން ހުޅުވާފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ހުޅުވި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓު ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.