ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް ވަގުތީ ގޮތުން ބިން ދޫކުރަން ހދ. ކުރިނބީ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލްގެ އިދާރާ އިން މިއަދު ކުރި އިއުލާނުގައި ބުނީ ދަނޑު ހައްދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރު ކަމަށް ތައްޔާރުވުމުގެ ގޮތުން، ކާނާގެ ޔަގީން ކަން ކަށަވަރު ކުރުމަށް ކަމަށެވެ. މި ދަނިވަޅުގައި ދަނޑު ހައްދަން ބިން ދޫކުރާއިރު، އެއްވެސް ދަނޑަކުން ކުލި ނުނަގާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ކުރިނބީގައި ދަނޑު ހައްދަން ބޭނުންވާ މީހުންގެ ތެރެއިން އެ ކަމަށް އެދި ހުށަހަޅާ ކޮންމެ ގެ އަކަށް އެއް ބިން ދޫ ކުރާނެ އެވެ. މި ބިންތަކުގެ ބޮޑުމިން ކަނޑައަޅާނީ ކުރިމަތިލާ މީހުންގެ އަދަދާއި ދަނޑު ހައްދަން ދޫކުރާ ބިމުގެ ބޮޑުމިނަށް ބެލުށް ފަހު އެވެ.
ކުރިނބީ ކައުންސިލުން ބުނިގޮތުގައި، ދަނޑު ބިންތަކުގައި ހެއްދޭނީ ފަލަމަޑި އާއި ގޮވާމުގެ ބާވަތްތައް އެކަންޏެވެ. އެ ގޮތަށް ނިންމީ އެއީ ކުރު މުއްދަތުގައި ހައްދައިގެން ކާނާ ލިބޭ ބާވަތްތަކަށް ވާތީ ކަމަށް ކައުންސިލުން ބުންޏެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖެއިން ބޭރުން ގެންނަ ކެއުމުގެ ބާވަތްތައް ލިބުމުގައި ދަތިތަކާ ދިމާވެދާނެތީ އަމިއްލަ އަށް ދަނޑު ހެއްދުމަށް ސަރުކާރުން ވެސް ވަނީ އެދިފަ އެވެ. އަދި ދަނޑުވެރިން ހައްދާ ތަކެތި އެސްޓީއޯ އިން ގަންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.