ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، ވޯޓުލާނީ ކޮން ކެންޑިޑޭޓަކަށްތޯ ޔަގީން ނުވެ ތިބި ގިނަ ބަޔަކު މިހާރު ގޮތެއް ނިންމައިފި ކަމަށާއި އެ މީހުންގެ ވޯޓު ލިބޭނީ އެމްޑީޕީއަށް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. ކުމުންދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވޯޓަށް ފަސް ދުވަހަށް ވީ އިރު، މި ކުރައްވާ ކެމްޕެއިންގެ އެންމެ ފަހު ދަތުރުތަކުން ބޮޑު ބަދަލެއް ފެނިވަޑައިގަންނަވާ ކަމަށެވެ. އެ ބަދަލަކީ ވޯޓުލާނީ ކެންޑިޑޭޓަކު ނުނިންމައި ކުރިން ތިބި މީހުން ވޯޓުލާނެ މީހަކު މިހާރު ނިންމާފައިވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ބޮޑުކޮށް، ބޮޑުކޮށް ކޮންމެ ރަށަކުން އެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެން މިކަން ނިންމަން އެއް ބުރުން ހިފާފައި ތިބި ތަން އަޅުގަނޑަށް ފެންނަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިއްޔެ އިން ފެށިގެން ހދ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ކޮންމެ ރަށަކުން ވެސް އެމްޑީޕީއާ ގުޅުނު ގިނަ ބައެއްގެ ފޯމު ލިބުނެވެ. އެއީ އެ ޕާޓީން އުއްމީދުކުރި ވަރަށް ވުރެ ވެސް ގިނަ ފޯމެވެ.
ކުމުންދުއަށް ރައީސްގެ ވައުދުތައް
• އާ ބަނދަރެއް ހެދުން.
• ގިރާ ސަރަހައްދު ހިމާޔަތްކުރުން.
• މަގުތަކުގައި ތާރު އެޅުން.
• ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައި މަލްޓިޕާޕަސް ހޯލު ހެދުން.
• ވޭސްޓް މެނޭޖުމަންޓް ސެންޓަރު ހެދުން.
ރައީސް މިއަދު ހދ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގަންނަވާނެ އެވެ. އަދި މިރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ.