އާދަމް ފާރޫގަކީ 2014 ވަނަ އަހަރާ ހަމައަށް ވެސް ހަމަ އާދައިގެ ގޮތެއްގައި، ފެންނަ ފެނުމަށް ރަނގަޅު ސިއްހަތެއްގައި ހުރި ޒުވާނެކެވެ. އެކަމަކު ހދ. ކުމުންދޫ އަށް އުފަން، އުމުރުން 33 އަހަރުގެ އެ ޒުވާނާގެ މުޅި ހަޔާތް ބަދަލުކޮށްލީ ކުއްލިއަކަށް ޖެހުނު ހަމުގެ ބައްޔެއްގަ އެވެ. ބިހިތަކެއް ނަގަމުން ގޮސް މުޅި މީހާގެ ހަންގަނޑު ކަނޑަކަނޑައިގެން ދާން ފެށީ އެވެ.

އެޑަމްގެ ބޭބެ، މުހައްމަދު ފާރޫގު، "މިހާރު" އަށް ކިޔައިދިން ގޮތުގައި 2014 ގައި އެޑަމްގެ ވައަތު ފައިގައި ބިހިތަކެއް ނަގަން ފެށި އެވެ. އޭގެ ފަހުން ހަންގަނޑު ކަނޑައިގެން ގޮސް ހަންގަނޑަށް ބާރުވާން ފެށުމުން އޭރު ހަމައަކަށް އަޅުވަން ޖެހެނީ ފެނާއި ލޯޝަން ކަހަލަ އެއްޗެހި އުނގުޅައިގެން ހަންގަނޑު މަޑުކޮށްގެންނެވެ.

އެ ބަލި ބޮޑުވުމުން، އޭރުގެ އަނބިމީހާއާ އެކު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ވެސް ދެއްކި އެވެ.

ޒުވާން އުމުރުގައި ކުރިމަތިވި މި ވޭނުގައި އެކި ފަރުވާކޮށްގެން ވެސް ލުޔެއް ނުލިބުމުން ދެން އުޅެމުން އައީ އެ ދުވަހަކު "އުޅެލެވޭ ވަރު" ކޮށްލަން މުޅި ގައިގައި ފެން އުނގުޅުން ފަދަ ކަންކަން ކޮށްގެންނެވެ. އެކަމަކު ބަލީގެ ވޭން ބޮޑުވުމުން ގައިގައި ފެން ޖެހުމުން ވެސް، ކަނޑައިގެން ގޮސް ހުންނަ ތަންތަނުން ނަގަނީ ދިލަ އެވެ. މި ވޭން ލުއިކުރަން އެކި ކަންކަން ކުރަމުން ގޮސް އެތައް ފަހަރަކު ދިވެހި ބޭސް ވެސް ކުރި އެވެ.

"އޭރު އެންމެ ފުރަތަމަ އިންޑިއާ އިން އައިސް އެ ކޭއްތި ބޭހުން ވެސް ތަންކޮޅެއް ރަނގަޅުވި. އަނެއްކާ ވެސް އަހަރެއް ފަހުން ހަމަ އެގޮތަށް ވާން ފެށީމާ ދެން ދިވެހި ބޭސްކޮށް އެގޮތަށް އުޅުނީ. ކޮންމެ ފަހަރަކު ވެސް ބޭހެއް ކޮށްލީމަ ދެން އަނެއްކާ ވެސް އުޅެލެވޭ ވަރުވޭ،" ކޮއްކޮގެ ހާލަތު ކިޔައިދެމުން މުހައްމަދު ބުންޏެވެ.

އާދަމް ފާރޫގަށް ހޮސްޕިޓަލުގައި ފަރުވާދެނީ.
އާދަމް ފާރޫގަށް ހޮސްޕިޓަލުގައި ފަރުވާދެނީ.

ދުވަސްކޮޅަކަށް ބޭހުން ހިފަހައްޓާލެވުނަސް ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ހަންގަނޑު ކުރަކިވެ އެވެ.

"ވެސްލީން ހާކާލީމަ ވެސް ހުރި ރަނގަޅުކޮށް. އޭރު ވެސް ހަމަ އުޅެލެވޭ ވަރުވެފައި އަނެއްކާ ސަކަރާތް ވަނީ،" ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކުމުން ކުރި ފަރުވާއާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

މުހައްމަދު ބުނި ގޮތުގައި، މިދިޔަ އަށް އަހަރެއްހާ ދުވަހު އެކަހަލަ ގޮތަކަށް އުޅެމުން އައިސް މިދިޔަ އެއް އަހަރަކީ އެއްގޮތަކަށް ވެސް ރަނގަޅުނުވެ ދިޔަ އަހަރެކެވެ. މުޅި ގައިގެ ހަންގަނޑު ފައިބައި އެ ވޭނަށް ކެތްކުރަން ދަތިވި އަހަރެކެވެ.

އާދަމް ފާރޫގަށް ޑޮކްޓަރު ފަރުވާދެނީ.
އާދަމް ފާރޫގަށް ޑޮކްޓަރު ފަރުވާދެނީ.

މުހައްމަދު ބުނީ ބަލި ބޮޑުވެ ލުޔެއް ނުލިބި ގިނަ ދުވަސްވުމުން މިދިޔަ މަހުގެ މެދެއްހާ ހިސާބުގައި އެޑަމްގެ ލޮލުގެ މަތީގެ ހަންގަނޑު ވެސް ލޯމައްޗަށް ވެއްޓުނީ ކަމަށެވެ. އެހެންވެ ކުމުންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އާސަންދަ ހޯދައިގެން ކުޅުދުއްފުއްޓާ ހިސާބަށް ގެންދެވުނީ ފޮޓޯ ފޮނުވައިގެން އޭނާގެ ހާލަތު ކިޔައިދީގެން ވަރަށް އުނދަގުލުން ކަމަށް ބުންޏެވެ.

"ގައިގައި ހެދުން ޖެހުނީމާ ވެސް ހިރުވާތީ އަޅުގަނޑުމެން ގޭގައި ގެންގުޅެނީ ވެސް ސޯޓެއް ލައްވައިގެން. އެެހެން އުޅެނިކޮށް ހަމަ އެއް ދުވަހު ލޯމަތީގައި ހުންނަ ހަންގަނޑު ވެއްޓުނީ. އެތަނުން ކުމުންދޫ ސިއްހީ މަރުކަޒަށް ފޮނުވީމާ ކުޅުދުފުއްޓަށް ގެންދަން އާސަންދަ ފުރަތަމަ ނުދިން. އެންމެ ފަހުން ފޮޓޯއެއް ފޮނުވައިގެން ކިޔައިދިނީމަ 10 މިނެޓް ތެރޭގައި އާސަންދަ ހަމަޖެހުނު،" އޭނާ ކިޔައިދިނެވެ.

އެ ހިސާބުން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މާލެއަށް ފޮނުވީ އޭނާގެ "ލޯ ނުމެރި" ހުންނާތީ އިންފެކްޝަނެއް އުފެދިދާނެތީ އެވެ. އޭނާގެ ހަމުގެ ބަލި ކަމަށްވާ، ސުރައިސިސްގެ ސަބަބަކުން ނޫނެވެ.

އާދަމް ފާރޫގުގެ ބަލި ހާލު ބޮޑުވެ ލޮލުގެ މަތީ ހަންގަނޑު ލޯމައްޗަށް ވެއްޓިފައި.
އާދަމް ފާރޫގުގެ ބަލި ހާލު ބޮޑުވެ ލޮލުގެ މަތީ ހަންގަނޑު ލޯމައްޗަށް ވެއްޓިފައި.

މުހައްމަދު ބުނީ އައިޖީއެމްއެޗުން ބެލި ހަމުގެ ބަލީގެ ހާއްސަ ޑޮކްޓަރުގެ ގާތު އިންޑިއާއަށް ފަރުވާއަށް ދިއުމަށް އެދުމުން އާސަންދަ ހަމަޖެއްސައިދިނީ އެ ހިސާބުން ކަމަށެެވެ.

"އަޅުގަނޑުމެންގެ ހާލަތުގެ ސަބަބުން ފަރުވާއަށް ބޭރަށް ދާނެ ތަނަވަސްކަން ނެތީމަ އޭރު ވެސް ނުދެވުނީ. ޑޮކްޓަރު އާސަންދަ ހަމަޖައްސައިދިނުމާ އެކު މިމަހުގެ 3 ގައި އަޅުގަނޑުމެން މި ތިބީ ފަރުވާއަށް އިންޑިއާގައި،" މުހައްމަދު ބުންޏެވެ.

ކިމްސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނައިރު މިވަގުތު ފަރުވާދެނީ އިތުރަށް ހާލަތު ގޯސްވިޔަ ނުދިނުމަށެވެ. އޭނާ ބުނި ގޮތުގައި އަސްލު ފަރުވާދޭނީ ހޯމަ ދުވަހު ޓެސްޓްތަކުގެ ނަތީޖާ ލިބުމުންނެވެ.

"މިހާރު ދޭ ފަރުވާއިން ހަމަަ ހަންގަނޑު ފައިބަނީ. އަނެއްހެން ކަނޑަކަނޑައިގެނެއް ނުދޭ. އެކަމަކު ހޯމަ ދުވަހު ޓެސްޓްގެ ނަތީޖާ ލިބުނީމަ ދެން ދޭނެ ފަރުވާއެއް އެނގޭނީ. މިވަގުުތު އޮތީ އެޑްމިޓްކޮށްފައި،" ލޮލުގެ ފެނުން ވެސް ފުސްވެފައިވާ އެޑަމްގެ ހާލަތު ކިޔައިދިނެވެ.

އާދަމް ފާރޫގަށް އެހީވާން ބޭނުންވާ ފަރާތްތަކަށް.
އާދަމް ފާރޫގަށް އެހީވާން ބޭނުންވާ ފަރާތްތަކަށް.

މުހައްމަދު ބުނި ގޮތުގައި މިހާރު ވެސް ޑޮކްޓަރުން އަންގާފަައި ވަނީ އެޑަމް ގޮވައިގެން މަހަކު އެއް ފަހަރު ފަރުވާއަށް އިންޑިއާއަށް ދިއުމަށެވެ. އެކަމަކު ޑޮކްޓަރާ ވާހަކަ ދައްކައިގެން ތިން މަހަށް ބަދަލުކުރެވޭތޯ މަސައްކަތްކުރާ ކަމަށާއި އެހާ ގިނަ ދުވަހަށް މަޑުކުރުމުގެ ތަނަވަސްކަން އެ އާއިލާގައި ނެތް ކަމަށް އޭނާ ބުންޏެެވެ.

"ކިހާ ދުވަހަކަށް ކަމެއް ނޭނގެ މިފަހަރު މަޑުކުރަން ޖެހޭނީ ވެސް. ޗުއްޓީއެއް ނަގައިގެން އަޅުގަނޑު ވެސް ކޮއްކޮ ގޮވައިގެން މި އައީ. އެހެންވެ ކިތަންމެ ކުޑަ އެއްޗެއް ލިބުނަސް ވާނެ ވަރަށް ބޮޑު އެހީއަކަށް އަޅުގަނޑުމެންނަށް."

އެހެންވެ، އިންޑިއާގައި ތިބޭ މުއްދަތުގައި ގިނަ ހަރަދުތަކެއް ހިނގާނެތީ އެ އާއިލާއިން އާންމުންގެ އެހީއަށް އެދެ އެވެ.

މީގެ ކުރިން ވެސް މާލެ ތެރޭ އުޅުނު، ހަމުގެ ބައްޔެއް ހުރި މީހަކަށް މީހުން އެހީވެފައިވެ އެވެ. އެކަމަކު އެއީ ފާރޫގެއް ނޫނެވެ.