ހދ. ކުމުންދޫ ނޭޗާ ޕާކްގައި ބަޔަކު ރޭ ރޯކޮށްލުމުން، އެ ޕާކް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.
އެ ނޭޗާ ޕާކަކީ ކޮވިޑްގެ ލޮކްޑައުންގެ ތެރޭގައި އެ ރަށު "ކުރެވި" ޖަމިއްޔާގެ ފަރާތުން ހެދި ތަނެކެވެ. ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ނޭޗާ ޕާކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ޒިޔާރާތް ކުރެއްވި އެވެ.
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ޕާކްގައި ރޯކޮށްލާފައިވާކަން އެނގުނީ ރޭގެ ފަތިސް ވަގުތުގައި ކަމަށެވެ. އަދި ރޯކޮށްލާފައިވާކަން އެނގިގެން، އެ ތަނަށް މީހުން ދިޔައިރު ވެސް 95 ޕަސެންޓު ގާތްގަނޑަކަށް އަނދާފައިވާ ކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ، އެއީ ބަޔަކު ގަސްދުގައި ނޭޗާ ޕާކަށް ގެއްލުންދޭން ކޮށްފައިވާ ކަމެއް ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. ނަމަވެސް، އެ ޕާކާ ގުޅިގެން ރަށު ތެރޭގައި ބަޔަކު ހިޔާލު ތަފާތުވެގެން އުޅުނުކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް ރަށުގެ ބައެއް މައިޒާންތަކަށް ވެސް އެބަހުރި ގެއްލުންދީފައި. އެ ކަންތައްތައް ވަރަށް ގިނަ ދުވަހަށް ހުއްޓިފައި އޮވެފައި އަނެއްކާ މި ކަހަލަ ކަމެއް މި ހިނގީ،" އަމީން ވިދާޅުވި އެވެ.
"އެ ކަމަށް ޝައްކު ކުރެވޭ، ނުވަތަ ގެއްލުން ދިން ފަރާތެއް ބުނަން ދަތި. އެ ތަނުގައި ހުރި ހަޓް އެއްކޮށް އަނދާފަައި ހުރީ. ޖެޓީ ވެސް ހުރީ ކޮންމެވެސް ވަރަަކަށް އަނދާފައި."
އަމީން ވިދާޅުވި ގޮތުގައި، އެއީ ކުރެވި ޖަމިއްޔާ އިން ހިލޭ ސާބަހަށް ރަށުގެ ތަރައްގީ އަށް ކޮށްފައިވާ ބުރަ މަސައްކަތެކެވެ. އަދި ޕާކްގައި ރޯކޮށްލުމުން ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާގެ ގެއްލުންވި ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ މުޅި ރަށަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް. މި ޕާކާއެކު، ރަށަށް ޒިޔާރާތްކުރާ މީހުންގެ އަދަދު ނިސްބަތުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައި. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި އަދިވެސް ފާހަގަކޮށްލެވޭ އެތައް ބޭފުޅުންނެއް މި ޕާކަށް ވަނީ ޒިޔާރާތްކޮށްފައި،" އަމީން ވިދާޅުވި އެވެ.
ނޭޗާ ޕާކް އުވައިލުމުގެ ބަދަލުގައި، ރީ-ސްޓްރަކްޗާކޮށް، ޕާކް އަލުން ތަރައްގީ ކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ޕާކްގައި ރޯކޮށްލި މައްސަލަ ފުލުސް އޮފީހަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.