ޝަރުއީ ނިޒާމަށް ކުރިމަތިވާ ފާޑުކިޔުންތައް މަދު ކުރުމަށް އިލްމީ ގޮތުން މޮޅު ނިންމުންތައް ފަނޑިޔާރުން ނިންމަންޖެހޭ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް މުހައްމަދު ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހަތަރު ފަނޑިޔާރުން އައްޔަންކޮށް، ފަތްކޮޅު އެރުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އަބަދުވެސް މުޖްތަމައު ގޮވާލަމުން އަންނަނީ ޝަރުއީ ނިޒާމް އިސްލާހު ކުރަން ކަމަށާއި އެ ފާޑު ކިޔުން މަދުކުރަން ޖޭއެސްސީ އަށް ކުރެވޭނެ ކަމަކީ އިލްމީ ގޮތުން ގާބިލް ބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރުން ކަމަށެވެ.
ފަނޑިޔާރުންނަށް މަލާމާތުގެ ބަސްތައް އަންނާނެ ކަމަށާއި އެކަން މަދު ކުރެވެން އޮންނާނެ ގޮތަކީ އިލްމީ ގޮތުން މޮޅު ނިންމުންތަކެއް ފަނޑިޔާރުން ނިންމެވުން ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެފަދަ މޮޅު ނިންމުންތައް ނިންމޭނެ ގާބިލްކަން ފަނޑިޔާރުންގެ ކިބައިގައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރިސާޗް ކުރެއްވުމުގެ ކެޕޭސިޓީ ތި ބޭފުޅުންގެ ކިބައިގައި ހުންނާނެ. އެހެންވެއްޖިއްޔާ ސިވިލް ކޯޓުންނާއި ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް މުރާޖާ ކުރައްވާ ކަމުގައިވާ ނަމަވެސް އަޅުގަނޑު ދަންނަވާނީ ދަށު ކޯޓުތަކުން ކުރައްވާ ހުކުމްތައް ފެންވަރު ރަނގަޅު ހުކުމްތަކަކަށް ވެގެންދާނެ،" ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ވެސް ބައިވެރިވެ ވަޑައިގަތް އެ ހަފުލާގައި ފައިސަލް ވިދާޅުވި އެވެ.
އާ ގާނޫނުއަސާސީއަކަށް އަމަލު ކުރަން ފެށިޔަސް އޭގެދަށުން އަންނަންޖެހޭ ބައެއް ގާނޫނުތައް ނެތް ކަން ފާހަގަ ކުރައްވައި، ފައިސަލް ވިދާޅުވީ އެހެންވުމުން ދިރާސާ ކޮށްގެން ނިންމުންތައް ނިންމަން ފަނޑިޔާރުންނަށް އޮތް ދައުރު ބޮޑުވެގެންދާ ކަމަށެވެ. އެގޮތުން ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކާއި އިސްލާމީ ޝަރީއަތުގެ އުސޫލުތައް ދިރާސާކޮށް، މޮޅު ނިންމުންތައް ފަނޑިޔާރުން ނިންމަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިރާސާ ކުރައްވާފައި އެނގިގެން ހުކުމް ކުރައްވަން ވީ އެންމެ ފުރިހަމައަަކަށް، ވީ އެންމެ ރަނގަޅަކަށް. އޭރަށް ދިވެހިރާއްޖޭގެ ކުރެވޭ ހުކުމްތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެ،" ފައިސަލް ވިދާޅުވި އެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ފަހަކަަށް އައިސް ރާއްޖޭގެ ކޯޓުތަކުން ނިންމާ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަވަހަކަށް މައްސަލަތައް ނިންމާ ނަމަ ޝަރުއީ ނިޒާމާ މެދު އިތުބާރު ބޮޑުވެގެންދާނެ ކަމަށާއި އެ އަމާޒުގައި ގިނަ ކޯޓުތަކުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"މިހާރު ވަރަށް ގިނަ ބޭފުޅުން ވިދާޅުވާނެ ވަގުތީ އަމުރަކާ އެކު ސިވިލް ކޯޓަށް މައްސަލަ ލައިފިއްޔާ ވަރަށް އަވަހަށް ކިޔައޭ(ޝެޑިއުލް ކުރުން). ޑިސްޕިއުޓް ވެސް ވަރަށް އަވަހޭ، ވަގުތީ އަމުރަށް އެންމެ ލަސްވެގެން ދެތިން ދުވަހުގެ ތެރޭގައި ގޮތެއް ނިންމައިދޭނެއޭ. އެކަމަކު މީގެކުރިން ތަންކޮޅެއް ދުވަސްވެއޭ. މާނައަކީ ވަކީލުން އެބަ ބަލައިގަނެއޭ ސިވިލް ކޯޓުން ކުރަމުން ގެންދާ މަސައްކަތް،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ފަނޑިޔާރުންނަކީ އާންމު ރައްޔިތުންނަށް ވުރެ ވެސް އަޚްލާގީ ގޮތުން މަތީގައި ތިބެންޖެހޭ ބައެކެވެ. އެހެންވުމުން ފަނޑިޔާރު ކަމާ ހަވާލުވާ ހިސާބުން ފެށިގެން އަމިއްލަ ދިރިއުޅުމުގައި ވެސް ވަރަށް ގިނަ އާދަތަކެއް ފަނޑިޔާރުން ދޫކޮށްލަން ޖެހޭ ކަމަށާއި އެކަމުގައި ފަނޑިޔާރުކަމުގެ ސުލޫކީ މިންގަނޑުތަކަށް ފަނޑިޔާރުން ސަމާލުވާން ފައިސަލް ގޮވާލެއްވި އެވެ.