އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

ފާއިތުވި ތިން އަހަރު އީސީގެ އެސްޖީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ހަސަން އިލެކްޝަނަށް އައްޔަން ކުރަން މަޖިލީޙުން ފާސްކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހު އެވެ.

އީސީގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ކޮމިޝަންގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފެވެ.

އިލެކްޝަންސް ކޮމިޝަންގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބްގެ މެންބަރުކަމުގެ ދެ ވަނަ ދައުރު ހަމަވެވަޑައިގެން ކޮމިޝަނުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

ހަބީބް އީސީން ވަކިވެވަޑައިގަތީ އެ ކޮމިޝަނަށް އޭނާ ހިދުމަތް ކުރައްވާތާ 21 އަހަރު ފަހުންނެވެ.