އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވެސް ޖުމްހޫރީ ޕާޓީން ވަކިވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމައިފި އެވެ.
އެމްޑީޕީއާ ވަކިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން ނިންމާފައިވާތީ، އެ ޕާޓީގެ ސްލޮޓެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝާހު އެ ޕާޓީއަށް މިއަދު ފޮނުއްވި ސިޓީގައިވަނީ ރައީސަށް މިފަހަރު ތާއީދުކުރާތީ ޖުމްހޫރީ ޕާޓީން ވަކިކޮށް ދިނުން އެދޭ ކަމަށެވެ.
ޝާހުގެ އިތުރުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އައިމިނަތު މުހައްމަދު ސަލީމް ވެސް ވަނީ މިއަދު ޖުމްހޫރީ ޕާޓީން ވަކިވުމަށް ނިންމައިފަ އެވެ. އޭނާ ވެސް އެގޮތަށް ނިންމެވީ ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދު ކުރެއްވުމަށެވެ.
ޖުމްހޫރީ ޕާޓީގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން އެ ޕާޓީން މިހާރު ދަނީ ވަކިވެ، ރައީސަށް ތާއީދު ކުރައްވަމުންނެވެ. އެހެން ނަމަވެސް ވަޒީރުންގެ ތެރެއިން އެއްވެސް ބޭފުޅަކު އަދި އެ ޕާޓީން ވައްކެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މިއަދު ވަނީ ރަސްމީކޮށް ޕާޓީއަށް ހުށަހަޅުއްވައިފަ އެވެ.