ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ވައްކަމުގެ ތުހުމަތު އެޅުވި މައްސަލާގައި އެންވަޔަރަމަންްޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަަސަން މުޣުނީ މިއަދު މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

އޭނާ ވަކިކުރީ، ރައީސް އޮފީހަށް ހާޒިރުކުރުމަށް ފަހު ތުހުމަތު އެޅުވި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނުމަށް ފަހު އެވެ.

މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދަވާ މުޣުނީގެ ޓުވިޓާ އެކައުންޓުން ކުރެއްވި ޓުވީޓުގައި ކުންފުނިތައް ހިންގަވަން ތިބީ ވެސް ވަގުން ކަމުގެ ތުހުމަތު އެޅުވި އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރައީސް އައްޔަން ކުރައްވާފައި ތިއްބެވީ ކުންފުނި ހިންގަން ގާބިލް ކަމެއް ނެތް ކޮރަޕްޓް ބައެއް ކަމަށް ވެސް އެ ޓުވީޓުގައި ވެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މުޣުނީ ކުރެއްވީ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން އަމަލުކުރަން އޮންނަ އަޚުލާގީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަންގައި ޖުމްހޫރީ ޕާޓީ ދެމިއޮތަސް، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދެއް ނުކުރެ އެވެ. ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ އެ ޕާޓީގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ސަރުކާރަށް ފާޑުކިޔުމާ އެކު ގޯސްތައް ދައްކަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ނިންމުމަކީ ސަރުކާރުގެ ސިޔާސަތުތައް ގަބޫލުނުކުރިޔަސް ދައުރު ނިމެންދެން ކޯލިޝަންގައި ދެމިއޮތުމެވެ.