ނަތީޖާ އިއުލާންކުރުން ލަސްވި ޑިމޮކްރެޓްސްގެ ރައީސަކަށް ހޮވުނީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަސަން ލަތީފް ކަން އެ ޕާޓީން މިރޭ އިއުލާންކޮށްފި އެވެ.
ހަސަންއާ ވާދަކުރެއްވީ، ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅެއް ކަމަށްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ހުސެއިން އަމްރެވެ.
ޕާޓީން ރަސްމީކޮށް ނަތީޖާ އިއުލާން ނުކުރަނީސް، ހަސަން އާއި އަމްރު ވަނީ އެ ދެ ބޭފުޅުން ވެސް ވަނީ އިންތިހާބުން މޮޅުވި ކަމަށް ރޭ އިއުލާނުކުރައްވައިފަ އެވެ.
ވަގުތީ ނަތީޖާ އިއުލާނު ކުރަން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މާލެ އާއި ރަށްރަށުގައި އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބުގައި ޕާޓީގެ ރައީސް ހޮވުމަށް ވޯޓު ލާފައިވަނީ ޖުމްލަ 3029 މެންބަރުން ކަމަށެވެ.
އޭގެ ތެރެއިން ހަސަން ލަތީފަށް 1704 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމްރުއަށް ލިބިވަޑައިގަތީ 1300 ވޯޓު ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ.
ޖުމްލަ 35 މަގާމަށް މެންބަރުން އިންތިހާބުކުރިއިރު މިރޭ އިއުލާނުކުރީ ބައެއް ނަތީޖާތަކެވެ. ޒުވާނުންގެ ނައިބު ރައީސަކަށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ ހޮވިފަ އެވެ.
އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިމުނުތާ 24 ގަޑިއިރުވާން ކައިރިވާއިރު ވެސް ނަތީޖާ އިއުލާން ނުކޮށް، އެހެން ގޮތަކަށް ނަތީޖާ އަތުވެއްޖެ ނަމަ ގަބޫލުކުރަން ދަތިވާނެ މިރޭގެ ނަތީޖާއިން ބަލިވި އަމްރު މިއަދު ވަނީ ވިދާޅުވެފަ އެވެ.