ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުން މަގާމުން އެކަހެރިކޮށް، އެމީހުންނަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލަން ގޮވާލައި މިއަދު މުޒާހަރާކޮށްފި އެވެ.

އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ގޮވާލައި ހޮޓެލް ޖެން ކައިރީ ކުރި މުޒާހަރާގެ ބައިވެރިން ވަނީ އިސް މަގާމުތަކުގައި ތިބި މީހުންނަށް ތުހުމަތުތައް ކުރެވޭ ނަމަ، އެފަދަ ކުށެއް ތަކުރާރުކުރަން ދޫކޮށްފައި ނުބޭތިއްބުމަށެވެ. އަންހެނުންނަށާއި އަންހެން ކުދިންނަށް ރަައްކާތެރިކަން ދިނުމުގެ ޒިންމާއާ ހަވާލުވެ ތިބޭ ފަރާތްތަކުން އަނިޔާވެރިން ހިމާޔަތްކުރާ ކަމަށް މުޒާހަރާގެ ބައިވެރިން ތުހުމަތުކުރި އެވެ.

"އިންސާފު ނުލިބިދާ ކޮންމެ ދުވަހަކީ އަނިޔާ ލިބޭ ދުވަަހެއް،" މުޒާހަރާގެ ބައިވެރިން ގޮވި އެވެ.

އެމީހުން ތުހުމަތު ކުރި ގޮތުގައި ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ އެތައް ބަޔަކު ރާއްޖޭގައި ތިބީ މިނިވަންކަމާ އެކުގައި ދިރިއުޅެން ދޫކޮށްލައިފަ އެވެ. އެކަމަކު ޖިންސީ ގޯނާ ލިބޭ އަންހެނުންގެ ދިފާއުގައި މަގުތަކަށް ނުކުމެ އަޑު އުފުލުމުގެ ފުރުސަތު ވެސް ނުލިބޭ ކަމަށް ވެސް، ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެ ސަރަހައްދުގައި ކުރި މުޒާހަރާގެ ބައިވެރިން ގޮވި އެވެ.

"ކޮބާ ވެލާނާގެއިން ނުކުންނަ މިނިސްޓަރުންނަށް، އިސް އޮފިޝަލުންނަށް އަޑު އިވޭތަ؟" މުޒާހަރާގައި އިސްކޮށް އުޅުއްވި ގާނޫނީ ވަކީލް އަދި ބާ ކައުންސިލްގެ މެންބަރު ނޫރުބާން ފަހުމީ ސުވާލުކުރެއްވި އެވެ.

ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތައް ބަލަން ގޮވާލައި މުޒާހަރާ ކުރަނީ. --ފޮޓޯ:އަހުމަދު އަވްޝަމް އިލްޔާސް/މިހާރު
ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތައް ބަލަން ގޮވާލައި މުޒާހަރާ ކުރަނީ. --ފޮޓޯ:އަހުމަދު އަވްޝަމް އިލްޔާސް/މިހާރު

މިއަދުގެ މުޒާހަރާގައި ސަރުކާރަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުކުރީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭނާ މަގާމުން ދުރުނުކޮށް ބަހައްޓާތީ އެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ވެސް މުޒާހަރާގެ ބައިވެރިން ސަރުކާރަށް ފާޑުކި އެވެ. އެ މައްސަލައިގެ ކުރިން އަންހެން މިނިސްޓަރަކަށް އަލީ ވަހީދު ފުރައްސާރަ ކުރުމުން ވެސް އެ މައްސަލަ ނުބަލާ ކަމަށާއި ފަހުން ކުރެވުނު ތުހުމަތަކީ އޭގެ ނަތީޖާ ކަަމަށް ވެސް އެމީހުން ބުންޏެވެ.

ގަޑިއެއްހާއިރު ވަންދެން މުޒާހަރާކުރި ޒުވާނުން މަސަައްކަތް ކުރީ ވެލާނާގެ އާއި ރައީސް އޮފީސް ހުންނަ ސަރަހަައްދަށް ދިއުމަށެވެ. މުޒާހަރާކުރުން މަނާ އެސަރަހައްދަށް ވަނުމަށް ފުލުހުން ހުރަސް އަޅައި، އިންޑިއާ ހައިކޮމިޝަންގެ ހުޅަނގަށް އޮންނަ ގޯޅިއާ ހިސާބުގައި ހުއްޓުވި އެވެ.

ރޭޕާއި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އަންހެނުންނަށް އިންސާފު ހޯދައިދޭން ގޮވާލައި ކުރި އެ މުޒާހަރާ ރާވައި އިންތިޒާމްކުރުމުގައި ގާނޫނީ ވަކީލުން ކަމަށްވާ މަރިޔަަމް ޝުނާނާ، ހައްވާ ޝަފީއާ ރިޒާ އަދި ނޫރުބާން ފަހުމީ އުޅުއްވި އެވެ. އޭގެ އިތުރުން މިއަދުގެ މުޒާހަރާގައި އިސްކޮށް އުޅުއްވީ ދަ އެޑިޝަންގެ އެޑިޓަރު ރާއީ މުނައްވަރު، ސާރާ ނަސީމް އަދި އަރީޖު ހުސައިން އެވެ.