ޑިފެންސް މިނިސްޓަރަކަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ހަސަން ރަޝީދު، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ އައްޔަން ކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓަރަކަށް ހަސަން ރަޝީދު އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ މިރޭ އިރާކޮޅު ރައީސް އޮފީހުގަ އެވެ.
ތ. ވިލުފުއްޓަށް އުފަން ހަސަން ރަޝީދަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ދުވަސްވަރުން ފެށިގެން ވަރަށް ގާތް އަދި އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ލިސްޓުގައި ހިމެނޭ ނަމެކެވެ.
ސިފައިންގެ މީހެއްގެ ގޮތުގައި ހިދުމަތް ކުރެއްވުމުގެ އިތުރުން ހަސަން ރަޝީދު ވަނީ ތަފާތު ތިން މިނިސްޓްރީއެއްގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ފެށިގެން 10 ވަރަކަށް އަހަރު ވަންދެން ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އެއީ ހައުސިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީ އެވެ.
ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް ހަސަން ރަޝީދު ހުންނެވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ހަސަން ރަޝީދަކީ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އެއްބަފާ ބޭބެ ވެސް މެ އެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމު ހުސްވީ، މި ސަރުކާރުގައި މިހާތަނަށް އެ މަގާމުގައި ހުންނެވި މުހައްމަދު ޣައްސާން މަައުމޫން މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާއާ އެކު އިތުރު ނުވަ މިނިސްޓަރަކު އެ ދުވަހު އިސްތިއުފާ ދއްވި އެވެ.
ރައީސް އޮފީހުން ބުނީ، ކެބިނެޓުގެ ގިނަ މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވަން ކަމަށެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިސްލާު ކުރައްވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ކެބިނެޓުގައި ފުރަތަމަ ތިއްބެވީ 20 މިނިސްޓަރުން ކަމަށް ވިޔަސް 10 މިނިސްޓަރުންގެ އިސްތިއުފާއާ އެކު އިއްޔެ ވަނީ މިނިސްޓަރުންގެ އަދަދު 15 އަށް ދަށްކުރައްވައި، އަލުން ކެބިނެޓު އެކުލަވާލައްވައިފަ އެވެ. އަދި ބައެއް މިނިސްޓްރީތައް އެއްކޮށްލެއްވި އެވެ.
އަލަށް އެކުލަވާލި މިނިސްޓްރީތަކާއި އެ ތަންތަނަށް އައްޔަންކުރެއްވި މިނިސްޓަރުން
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
- ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު
- ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
- ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
- އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
- އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
- ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
- ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރަކަށް އަހުމަދު ޝިޔާމް
ސަރުކާރުން ގެނައި ބަދަލުތަކާ އެކު ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ވަނީ އުވާލައިފަ އެވެ. އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމުގައި ހިންގި މިނިސްޓްރީގެ ނަން އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ބަދަލުކޮށް، ސިޓީސް މިނިސްޓްރީގެ ޕަބްލިކް ވޯކްސްއާ ގުޅޭ މަސައްކަތްތައް ބަލަހައްޓާނީ ދެން އެ މިނިސްޓްރީންނެވެ. އަދި ފިޝަރީޒް އާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލާފައިވާއިރު ކުރިން އެގްރިކަލްޗާގެ ދަށުން ހިންގި އެނިމަލް ވެލްފެއާ ވަނީ އުވާލައިފަ އެެވެ.
އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީ އެއްކޮށްލާފައިވާއިރު ޓޫރިޒަމް ގެނެސްފައި ވަނީ ސިވިލް އޭވިއޭޝަނުގެ ދަށަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލާފައިވާއިރު ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް ވެސް ވަނީ އެއް މިނިސްޓްރީއެއްގެ ގޮތަށް ބަދަލުކޮށްފަ އެވެ. ކުރިން ދިވެހި ލޭންގުއެޖް، ކަލްޗާ އެންޑް ހެރިޓޭޖުގެ ނަމުގައި ހިންގި މިނިސްޓްރީގެ ނަން ވެސް ވަނީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖަށް ބަދަލުކޮށްފަ އެވެ.