އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ހުށަހަޅައިފި އެވެ.

އޭނާ މަގާމުން ވަކިކުރަން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވީ ވަޒީފާ އަށް ނުނިކުންނަވައި މުސާރަ ނަންގަވަމުންދާ މައްސަލައިގަ އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ލުތުފީގެ އަމަލުތައް ހުރި ގޮތަށް ބަލާއިރު، އެއީ މަގާމުން ވަކިކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ފަދަ ހާލަތެއް ކަމަށެވެ. އެކަމަކު އޭނާގެ ހުށަހެޅުއްވުން ކޮމިޓީގައި މިއަދު ކުރިއަކަށް ނުގެންދެ އެވެ.

ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ އޭސީސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުވެ ތިއްބެވުމާ އެކު އެ ވަގުތު އެ މައްސަލަ ކުރިއަށް ނުގެންދެވި ނަމަވެސް ފަހުން ގޮތެއް ކަނޑައެޅިދާނެ ކަމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައެއް މެމްބަރުން އޭސީސީގެ މެމްބަރުން ދެއްކެވި ވާހަކަތައް އަޑުއައްސަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައެއް މެމްބަރުން އޭސީސީގެ މެމްބަރުން ދެއްކެވި ވާހަކަތައް އަޑުއައްސަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެ ކޮމިޓީގައި އޭސީސީގެ މެމްބަރުން ވިދާޅުވި ގޮތުގައި ބައްދަލުވުމަކަށް ވަޑައިނުގަތުމުގެ އިތުރުން ލުތުފީގެ ހަބަރެއް އެ ކޮމިޝަންގެ އެއްވެސް މެމްބަރަކަށް ނުވާތާ ދެ މަސް ވެއްޖެ އެވެ. ވަޒީފާ އަށް ނުކުމެވަޑައިނުގެން މުސާރަ ނަންގަވާ މައްސަލައިގައި ކޮމިޝަންގެ މެމްބަރުން މަޝްވަރާ ކުރެއްވި ނަމަވެސް އެއީ ގާނޫނީ ގޮތުން އެ ކޮމިޝަނަށް އެއްވެސް ފިޔަވަޅެއް އެޅެން އޮތް ކަމެއް ނޫން ކަމަށް ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވި އެވެ.

ރަސްމީ ޗުއްޓީ ނެންގެވި ގޮތަށް ލުތުފީ އޭސީސީއާ ދުރުގައި ހުންނެވި އިރު އޭނާ އަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ލުތުފީއާ ދެކޮޅަށް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެ މައްސަލައިގައި ތުހުމަތު ކުރަނީ ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިން ހިންގި ކަމަށެވެ.

ލުތުފީގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުން ދިފާއުކޮށްދޭން ގާނޫނާ ޚިލާފަށް ލުތުފީ އަމަލުކުރެއްވި ކަމަށް ތުހުމަތު ކުރެ އެވެ.