އަވަސްރައިޑްގެ ޓެކްސީއަކަށް އެރި މީހަކު "ހުންނަ ގޮތުގެ ސަބަބުން" އޭނާއަށް ފުރައްސާރަވާ ގޮތަށް ވާހަކަ ދައްކައި ސުވާލުކުރި މައްސަލައެއްގައި ޑްރައިވަރަށް ފިޔަވަޅު އަޅައިފި އެވެ.
މިދިޔަ ހޯމަ ދުވަހު އެކަން ދިމާވި ފިރިހެން މީހާ ވަނީ ޓްވީޓާގައި އަވަސްރައިޑް ޓެގްކޮށް، އޭނާއަށް ދިމާވި ހާދިސާ ކިޔައިދީފަ އެވެ.
އޭނާ ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ އެރި އަވަސްރައިޑްގެ ޓެކްސީއެއްގައި އިން ޑްރައިވަރަކު ވަނީ މުޅި ދަތުރު ނިމެންދެން ކަހަލަ ގޮތަކަށް އޭނާގެ ސިފަޔާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ. އޭނާ ގެންގުޅުނު ޓޯޓް ބޭގާ ބެހޭ ގޮތުން ވެސް އެ ޑްރައިވަރު ސުވާލުކުރި ކަމަށް ބުނެފައިވެ އެވެ.
އޭނާ ވަނީ އެކަހަލަ ހާދިސާތަކާ ގުޅިގެން ޑްރައިވަރުންނާ މެދު އަވަސް ރައިޑުން ފިޔަވަޅު އަޅާތޯ ސުވާލުކޮށްފަ އެވެ. އެ ޓްވީޓުގައި އޭނާ ބުނެފައިވަނީ ޓެކްސީ އަކީ ރައްކާތެރިކަން ނެތް އެއްޗެއް ކަމުގެ އިހްސާސް ވެގެން ނުވާނެ ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އެ މައްސަލަ ފެންމަތިކުރުމާ އެކު ވަރަށް އަވަހަށް އަވަސްރައިޑުން ޑްރައިވަރާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި އެކަމާ އުފާކުރާ ކަމަށެވެ. އެއީ ފުރައްސާރަކުރާ މީހުންނާ ދެކޮޅަށް ލިބުނު، "މޮޅެއް" ކަމަށް ދެކޭ ކަމަށް ވެސް ބުންޏެެވެ.
އެ މައްސަލައާ ގުޅިގެން އަވަސްރައިޑުގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ ދަތުރު ނަގާ ހިސާބުން ފެށިގެން ދަތުރު ނިމެންދެން އެ އުޅަނދެއްގެ ހަރަކާތްތައް ފެންނާނެ ކަމަށާއި އެކަމަކު އޭގައި ހިނގާ ކަމެއް އެނގޭނީ ދަތުރު ނިމި މީހުން ރިޕޯޓްކުރުމުން ކަމަށެވެ.
އެގޮތަށް މީހުން ރިޕޯޓްކުރާ މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ބައެއް ޑްރައިވަރުންނަށް އިތުރު ފުރުސަތު ނުދޭން ވެސް ނިންމާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރަން އަޅުގަނޑުމެން ވެސް މަސައްކަތްކުރަން. ކަސްޓަމަރުންނާ މެދު އިހާނެތިކޮށް ކަމެއް ކޮށްފިއްޔާ ދެވަނަ ފުރުސަތެއް ނުދޭ ގޮތަށް ބޭންކޮށްފައި ހުންނާނެ."
ޓެކްސީތަކުގައި އެކަހަލަ ކަމެއް ހިނގައިފި ނަމަ ލަސްނުކޮށް އެކަން އަންގަން އަވަސް ރައިޑުން އެދުނެވެ.
މީގެ ކުރިން ވެސް ޓެކްސީތަކަށް އަރާ މީހުންނަށް ފޮށުމާއި ފުރައްސާރަކުރުމުގެ އިތުރުން ޖިންސީ ގޯނާގެ ޝިކާރައަކަށް ވުމުގެ ބިރުވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.