މުއްސަނދިވުމަކީ އަމިއްލަ އެދުން ބޮޑުވެ ހަމައެކަނި އަމިއްލަ ނަފްސާ މެދު މާ ބޮޑަށް ވިސްނޭ ކަމެއް ކަމަށް ފަހުގެ ހޯދުމަކުން ދައްކައިފި އެވެ.
އެމެރިކާގެ ޔުނިވަސިިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިން ވަނީ އެ ގައުމުގެ 1519 މީހެއްގެ މެދުގައި ސާވޭއެއް ހަދައި އެ މީހުންގެ އުފާވެރިކަން ތަޖުރިބާ ކުރެވޭ މިންވަރު ދެނެގަނެފަ އެވެ.
އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަނުން ހޯދި މި ހޯދުން ޝާއިއުކުރީ ޖާނަލް އެމޯޝަންގަ އެވެ. މި ސާވޭން ދެއްކި ގޮތުގައި މުއްސަނދި މީހުންނަށް އެހެން މީހުންގެ ސަމާލުކަން ލިބުމުން ވަރަށް އުފާވެރި އިހްސާސްތަކެއް ކުރެވެ އެވެ. އޭގެ ބަދަލުގައި މަދުން އާމްދަނީ ލިބޭ މީހުންނަށް އުފާވެރިކަން ތަޖުރިބާ ކުރެވެނީ އެހެން މީހުންގެ ލޯތްބާއި އޯގާތެރިކަމުންނެވެ.
"މަދުން އާމްދަނީ ލިބޭ މީހުންނަށް މާ ރަނގަޅު ދިރިއުޅުމެއް ނުލިބުނު ނަމަވެސް ހިތްހަމަޖައްސާލައިގެން އުޅޭނެ ގޮތް އެނގޭ. ދިރިއުޅުމުން އުފަލާއި ހިތްހަމަޖެހުން ހޯދަން އިނގޭ،" ދިރާސާގައި މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.
މުއްސަނދި ކަމަކީ އުފާވެރިކަން ގެރެންޓީ ކުރެވޭ އެއްޗެއް ނޫން ކަމަށް ވެސް އެ ދިރާސާ އިން ވަނީ އެނގިފަ އެވެ. ނަމަވެސް ފައިސާ ލިބޭ ދުވަސްވަރު އެ ލިބޭ ފައިސާގެ ސަބަބުން އެމީހުންނަށް އުފާވެރިކަން އިހްސާސް ކުރެވެ އެވެ.