ކޮވިޑާ ގުޅިގެން ގައުމު، ލޮކްޑައުންއަކަށް ދިއުމާ އެކު ގޭގައި ބަންދުވެފައި ތިބެން ޖެހުމުން އެތައް ބައެއްގެ ހުނަރު ފެނިގެންދިޔަ އެވެ. އެއް ބަޔަކު ހޮބީއެއްގެ ގޮތުން ކުރަމުން އައި ކަންކަން ބަދަލުވީ ވިޔަފާރިއަކަށެވެ. އެފަދަ ގޮތަކަށް ވިޔަފާރިއެއް ފެށި، އެއް ޒުވާނަކީ އައްޑޫ ހިތަދު އަށް އުފަން، ދީމާ އާމިރެވެ.

އިންސްޓަގްރާމުގައި "ފެންކުލަ"އިގެ ނަމުގައި އާޓް ވިޔަފާރި ފެށުމުގެ ކުރިން، 24 އަހަރުގެ ދީމާ އެކަން ކުރަމުން އައީ ހޮބީއެއްގެ ގޮތުގަ އެވެ. ދީމާ އެ ވިޔަފާރި ފެށީ އޭނާގެ ހުނަރު ވިއްކައިގެން އާމްދަނީ ހޯދުން މާ ބުއްދިވެރިވާނެ ކަމަށް އާއިލާ އާއި ގާތް ރަހުމަތްތެރިން ބުނާތީ އެ މީހުންގެ އެދުމުގެ މަތިންނެވެ. އެހެންވެ އެ މަސައްކަތް ފެށީ އެވެ.

އައްޑޫގަައި ހުރެ، ކްލޭ އިން ތަފާތު އެއްޗެހި ތައްޔާރުކޮށް ވިއްކަން ފެށި އެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވެ، ރެޒިން އާޓަށް ބަދަލުކޮށް ތަފާތު އެއްޗެހި ތައްޔާރުކުރަން ފެށި އެވެ. އެ ތަކެތީގެ ތެރެއިން ގިނަ ބައެއްގެ ކަޅި ހުއްޓުނު ފުރަތަމަ އެއްޗަކަށްވީ ސޯޝަލް މީޑިއާ އަށް ދޫކޮށްލި ގަލަމެކެވެ.

މުޅިން ތަފާތު ގޮތަކަށް ޑިޒައިންކޮށްފައިވާ މި ގަލަން ހަދައިފައި ވަނީ ފިނިފެންމަލުގެ ފިޔަ އާއި އޭގެ ހިއްކާފައިވާ ފަތް "ޕެން މޯލްޑް" އަކަށް އަޅައިންނެވެ. އަދި އޭގެ އެތެރެއަށް ރެޒިން އަޅައިފައިވެ އެވެ. ގިނަ ބައެއްގެ ހިތްތައް ދަމައިގަތް މި ގަލަމުގެ އިތުރުން ވެސް ދީމާ ތައްޔާރުކުރާ ބައެއް ސާމާނުގެ ތެރޭގައި އެޝްޓްރޭސް، ބުކްމާކްސް، ކީޗެއިން، ފަށް، ރެޒިން ޓްރޭސް އަދި ކަންފަތުލާ މުދި ހިމެނެ އެވެ. މި ހުރިހާ އެއްޗަކީ ވެސް ކަސްޓަމަރުންގެ މެދުގައި މަގްބޫލު ސާމާނެވެ.

ގިނަ ވަގުތު ހޭދަކޮށްގެން ދީމާ ކުރާ ބުރަ މަސައްކަތާ އަޅާބަލާއިރު އޭނާ މި ސާމާނު ވިއްކަނީ ވެސް ރަނގަޅު އަގެއްގަ އެވެ. އެގޮތުން، މާބޮޑު ޑިޒައިނެއް ނުގެނެސް، މި ހަދައި އޭޝްޓްރޭތަކުގެ އަގު އުޅެނީ 250ރ. އަށެވެ. ގަލަމުގެ އަގު އުޅެނީ 120-150 އާ ދެމެދުގަ އެވެ. ފަށުގެ އަގަކީ 120ރ. އެވެ. އަދި ބުކްމާކްސްގެ އަގު އުޅެނީ 250-300ރ. އާ ދެމެދުގަ އެވެ.

"އެންމެ ބޮޑަށް މިހާރު ވިކެނީ ރެޒިން އިން މި ހަދާ އޭޝްޓްރޭތަކާއި ގަލަމާއި ދެން ކީޗެއިންސް އާއި ނެކްލެސްއާ،"

ދީމާ ބުނީ މި ހުރިހާ އެއްޗެއް ހަދަން ދަސްކުރަނީ ޔޫޓިއުބް ވީޑިއޯ ބަލައިގެން ކަމަށެވެ.

"އެންމެ ފުރަތަމަ ކްލޭ އެއްޗެހި ހެދި. ދެން ފެށީ ރެޒިން މަސައްކަތް. ޔޫޓިއުބް އިން ބަލައިގެން ރެޒިން މަސައްކަތް ދަސްކުރީ. މިހާރު ކްލޭއަށް ވުރެ ހުރިހާ މަސައްކަތެއް ވެސް މި ކުރަނީ ރެޒިން އިން."

ރަށުގައި މި ވިޔަފާރި ފުޅާކުރަން ގޮންޖެހުންްތަކެއް އެބަހުރި ކަމަށް ދިމާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އައްޑޫ އަށް ވުރެ ގިނައިން މިހާރު ވެސް މާލެއިންނާއި ރަށްރަށުން އޯޑަރުތައް ލިބެ އެވެ. އެކަމަކު އައްޑޫން އެހެން ރަށްރަށަށް އެ އެއްޗެހި ފޮނުވުމުގައި ކުރަން ޖެހޭ ހަރަދަކީ އޭނާހެ ކުރިއެރުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ.

އެހެންވެ، ދީމާ ދެކޭ ގޮތުގައި މާލޭގައި މި ވިޔަފާރި އޭނާއަށް ފުޅާކުރެވިއްޖެ ނަމަ މާ ބޮޑަށް ވެސް ފައިދާވާނެ އެވެ.

"އެކޮޅަށް ފޮނުވަން ޖެހޭތީ ބައެއް ފަހަރު އިންނަ ޕްރައިޒަށް ވުރެ ޕޯސްޓް އޮފީހުން ނަގާ ޕްރައިޒް ތަންކޮޅެއް ހައި ވީމަ ބައެއް ފަހަރު ކަސްޓަމާސް ގެއްލޭ ގޮތް ވެސް އާދޭ. އެކަމަކު ގިނަ ކަސްޓަމާސް ހަމަ ވަރަށް ސަޕޯޓިވް،" އޭނާ ބުންޏެވެ.

"އައްޑޫގަ އަދި އެގޮތަށް ފަށަން އެހާ ރަނގަޅެއް ނޫންކަން ނޭނގެ. މިކޮޅުގައި ޕްރޮފިޓެއް ނުލިބޭ އެހާ ވަރަކަށް ރެޒިން ބިޒްނަސްއެއް ވީމަ. ރެޒިންއަކީ ވަރަށް އަގު ބޮޑު އެއްޗެއް. މިކޮޅުން އެއްވެސް ގޮތަކަށް ރެޒިންއެއް ނުލިބޭ. ހުރިހާ އެއްޗެއް މާލެއިން ގެންނަނީ. ދެން ރެޒިން އެއްޗެހި ގަނެފަ، އެކޮޅުން މިކޮޅަށް ފޮނުވަން ޕޯސްޓްކުރަން ވެސް އެއީ ބޮޑު ހަރަދު. އަނެއްކާ މި ދުވަސްކޮޅުގެ ގޮތުން ވަރަށް ގިނަ ދުވަސް ވެސް ނަގާނެ،" ދީމާ ބުންޏެވެ.

އެކަނި އޭނާ ކުރާ މި ވިޔަފާރީގައި ލިބޭ އެންމެ އޯޑަރަކަށް އެއްޗެއް ތައްޔާރުކުރުމަށް ވެސް މަދުވެގެން ގާތްގަނޑަކަށް ހަތަރު ދުވަސް ނަގަ އެވެ. އެއީ ރެޒިން އިން އެއްޗެއް ތައްޔާރުކުރާ ނަމަ، އެންމެ ލޭޔާއެއް އެޅުމަށް ފަހު ވެސް 24 ގަޑިިއިރު މަޑުުކުރަންޖެހޭތީ ހޭދަވާ ވަގުތެވެ.

ދީމާގެ ވިޔަފާރިއަށް މިހާރު އަހަރެއް ވީއިރު އޭނާ ހުރީ ތައްޔާރުކުރެވުނު ހުރިހާ އެއްޗަކާ މެދު ވެސް ހިތްހަމަޖެހިފަ އެވެ. އޭނާގެ މަސައްކަތުގެ ތެރެއިން ހާއްސަ އެއް މަސައްކަތަކީ ގިވްއަވޭއެއް ދިނުމަށް އޭނާ ހެދި ގަޑިއެކެވެ.

ދީމާގެ އުންމީދަކީ ސްވެނިއާ ކުޑަ ވިޔަފާރިއެއް ރަށުގައި ނުވަތަ މާލޭގައި ނަމަވެސް ހުޅުވުމެވެ. މިފަދަ ވިޔަފާރިތައް ފަށަން ބޭނުންވާ ޒުވާނުންނަށް ދީމާގެ ނަސޭހަތަކީ އަތުގައި ކިތަންމެ މަދު ސާމާނެއް ހުއްޓަސް ފަށައިގަތުމެވެ. އޭރުން، ލިބޭ އާމްދަނީއާ އެކު ވިޔަފާރި އިތުރަށް ފުޅާކުރެވޭނެ އެވެ.