މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ޖަލަށްލި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި، މިއަދު މިނިވަންވެއްޖެ އެވެ.
ހާމިދު ދެ އަހަރާއި ނުވަ މަހަށް ޖަލަށް ލާން ޖޫން، 2016 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގަ އެވެ. އެ މައްސަލާގައި ހާމިދު ދެ އަހަރާއި ނުވަ މަހަށް ޖަލަށް ލިޔަސް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެ މައްސަލާގައި އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަރުޖަމާނު އަހުމަދު ލުގުމާން ވިދާޅުވީ ހާމިދު މިއަދު މިނިވަންކުރީ އޭނާގެ ހުކުމް ތަންފީޒުކޮށް ނިމުމުން ކަމަށެވެ.
ހާމިދު ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ހިންގި އޮޕަރޭޝަނެއްގައި 2015 ގެ ފަހުކޮޅު މެލޭޝިއާގައި ހުއްޓަ އެވެ. އޭރު އޭނާ ހައްޔަރުކުރި ފަހުން ހުކުމް ކުރުމާ ހަމައަށް ވެސް ހުރީ ބަންދުގަ އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންތައް މިނިވަން ކުރަން މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން އަމުރު ނެރުނުއިރު، މިނިވަންކުރަން އަމުރުކުރި ބޭފުޅުންގެ ލިސްޓުގައި ހާމިދު ވެސް ހިމެނުނެވެ. އެކަމަކު އެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ބައި ބާތިލްކޮށްފަ އެވެ.
ހާމިދު މިނިވަންވިއިރު، އަދީބު މިވަގުތު ވެސް ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަށް އަހަރުގެ ހުކުމެއް ޒިޔަތު މިހާރު ތަންފީޒު ކުރަމުންދާއިރު، 33 ދައުވާއެއް އޭނާގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ ޒިޔަތުގެ މައްޗަށް 90 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.