ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދޭން އިއުލާނުކޮށްފައިވާ ކ.ދިއްފުށި ފަޅަކީ ޖަލު ހުކުމެއްގައި ހުރި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލަށް ކުރިން ދީފައިވާ ތަނެއް ކަމަށާއި މިނިސްޓްރީން އެއްބަސްވުންތަކާ ހިލާފަށް އަމަލު ކުރަމުންދާތީ ހާމިދުގެ ކުންފުނިތަކަށް ފޫނުބެދޭވަރުގެ ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކ. ދިއްފުށިފަޅު އަލުން ބިޑަށްލުމާ ގުޅިގެން ހާމިދުގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނި ގޮތުގައި އެ ފަޅަކީ ހާމިދާއި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން 50 އަހަރަށް ކުއްޔަށް ދިނުމާ ގުޅިގެން ހިއްކަމުން އަންނަ ފަޅެކެވެ. އަދި މި ފަޅު ކުއްޔަށް ހިފުމަށް ހާމިދާއި ސަރުކާރާ ދެމެދު ކުރަން ޖެހޭ ހުރިހާ ފައިސާގެ މުއާމަލާތްތަކެއްކޮށް ނިމިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ފަޅުގެ އެންމެހައި މަސައްކަތްތަކެއް ކުރިއަށް ދަނިކޮށް، ފަޅު އަލުން ވިއްކާލުމަށް ބިޑަށް ހުޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ސަރުކާރާއި ހާމިދު އިސްމާއިލާއި އޭނާ ހިއްސާވާ ކުންފުނިތަކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ގިނަ ތަންތަން އެއްބަސްވުމާ ހިލާފަށް ޓޫރިޒަމް މިނިސްޓްރީން ތަކުރާރުކޮށް އަމަލު ކުރަމުންދާތީ ހާމިދު ހިއްސާވާ ކުންފުނިތަކަށް ފޫނުބެދޭ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަން ހިތާމަައާއެކު ފާހަގަ ކުރަމެވެ،" ހާމިދުގެ އާއިލާ އިން ނެރުނު ބަޔާނުގައިވެ އެވެ.
ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަރިސް މީހެއް ކަމަށްވާ ހާމިދުގެ އާއިލާ އިން ބުނީ ހާމިދުގެ އެންމެހައި ވިޔަފާރިތައް ބިނާވެފައިވަނީ ގިނަ އަހަރުތަކެއްގެ ތެރޭގައި އޭނާގެ ބުރަ މަސައްކަތުން ހޯދާފައިވާ ހަލާލު ފައިސާގެ މައްޗަށް ކަމަށެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ ތެރޭގައި، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި މައްސަލާގައި ހާމިދު އަންނަނީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އޭނާގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމޭނީ 2019 ވަނަ އަހަރު އެވެ.