ކެންސަރަށް ފަރުވާ ހޯދަމުން އައި ހަމަދު ސްކޫލްގެ ދަރިވަރު މުހައްމަދު އާލިފް މިރޭ ނިޔާވެއްޖެ އެވެ.
ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ އާލިފަށް ކެންސަރު ޖެހިފައިވާ ކަން އެނގުނީ މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ފެށުނުތަނާ އެވެ. އެހެންވެ، އޭނާ އަށް މަޖުބޫރުވީ ކިޔެވުން މެދުކަނޑާލުމަށް ފަހު ރާއްޖެ އިން ބޭރުން ފަރުވާ ހޯދާށެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން އާލިފް އިންޑިއާގައި ފަރުވާ ހޯދަމުން އައީ ކެންސަރުގެ ވައްތަރެއް ކަމަށްވާ ހައި ގްރޭޑް ލިންފޯމާއަށެވެ.
އާލިފް ނިޔާވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިރޭ ވަނީ އާއިލާ އަށް ތައުޒިޔާ ކިޔައިފަ އެވެ.
އާލިފަށް ކެންސަރު ޖެހުނުކަން އެނގުމާ ގުޅިގެން އޭނާގެ ކްލާސް ކުދިން އިސް ނަގައިގެން އެހީ ހޯދުމުގެ ހަރަކާތެއް ކުރިޔަށް ގެންދިޔަ އެވެ.
ހަމަދު ސްކޫލްގައި ފަންޑް ފޮށިތައް ބަހައްޓައިގެން އާލިފްގެ ބޭސްފަރުވާ އަށް އެހީ ހޯދުމަށް ކުރި މަސައްކަތަށް ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.