ހައްޖާއި އުމްރާ އަށް ދިޔުމަށް ފައިސާ ރައްކާ ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން ތައާރަފް ކޮށްފައިވާ "މުވައްޒަފުންގެ ސްކީމް"ގައި ދިރާގުން ބައިވެރިވެ، އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދާއި ހިއުމަން ރިސޯސް ޑިރެކްޓަރު އަހުމަދު މުހައްމަދު ދީދީ އެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މެނޭޖިން ޑިރެކްޓަރު ޔާމިން އިދުރީސާއި ހެޑް އޮފް މާކެޓިން އެންޑް ޕީއާރް ހަސަން ސިނާނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ މި ސްކީމްގެ ދަށުން ދިރާގުގެ މުވައްޒަފުންނަށް ލިބޭ މުސާރަ އިން އަމިއްލަ އަށް ކަނޑައަޅާ އަދަދެއް ކޮންމެ މަހަކު ރައްކާ ކުރެވޭނެ ކަމަށެވެ. އަދި ހައްޖަށް ދިޔުމަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދުގެ 75 ޕަސެންޓު ހަމަވުމުން އެ މުވައްޒަފަކަށް ހައްޖަށް ދެވޭނެ އަހަރު އަންގައި އެކަން ހައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށެވެ.
"މި ސްކީމަކީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ވަރަށް ފައިދާ ކުރާނެ ސްކީމެއް. މި ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މުވައްޒަފުންނަށް ވެސް ވަނީ ހުޅުވާލާފައި" އޭނާ ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި ހައްޖަށް ދިޔުމަށް މުވައްޒަފުން ބޮޑު ހޭދައެއް ކުރާ އިރު މީގެ ކުރިން ދިރާގުގެ މުވައްޒަފުން ބައިވެރިވި ބައެއް ފަންޑުތައް ބެލެހެއްޓި ފަރާތްތަކުން ޒިންމާދާރު ނުވުމުުގެ ސަބަބުން ބޮޑެތި ގެއްލުންތަކެ މުވައްޒަފުންނަށް ދިމާވި އެވެ. އަދި ހައްޖު ކޯޕަރޭޝަންގެ މި ސްކީމަކީ އެފަދަ މައްސަލަަތައް ދިމާވިޔަ ނުދޭ، ރަނގަޅު ސޭވިން ސްކީމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިހާތަނަށް ސަރުކާރުގެ 14 އިދާރާއަކުން މި ސްކީމްގައި ބައިވެރިވެފައިވާ އިރު ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަނީ މި އަހަރު ނިމޭ އިރު، ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތުން ބޮޑު ބަޔަކަށް މި ސްކީމްގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދުރީސް މި ރަސްމިއްޔާތުގައި ވިދާޅުވި އެވެ.
މި ސްކީމްގައި ބައިވެރިވުމުގެ ކުރިން ވެސް ދިރާގުން އެ ކުންފުނީގެ ހަރަދުގައި ކޮންމެ އަހަރަކު ދެ މުވައްޒަފުން ހައްޖަށް ފޮނުވައިދެ އެވެ.