ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހެޅި ކުންފުނިތަކުން ހުށަހެޅި ފޯމުތައް އަލުން ބެލުމަށްފަހު، ހައްޖަށް ގެންދިއުމުގެ ހުއްދަ ހަތަރު ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން މިއަދު ދީފި އެވެ.
މީގެ ކުރިން ހުއްދަ ދީފައިވަނީ ހަ ކުންފުންޏަކަށެވެ. ނަމަވެސް އެ ހުއްދަ އަށް އެދި ޕްރޮޕޯޒަލް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލުއޭޓްކޮށް، ޕޮއިންޓް ދީފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ބަޔަކު އޭސީސީއަށް ހުށަހެޅި މައްސަލައާ ގުޅިގެން، ހުއްދަ ދިނުމާ ގުޅޭ ކަންތައްތައް މަޑުޖައްސާލަން މިނިސްޓްރީއަށް އެންގި އެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން ހައްޖު ގުރޫޕާއި ސިސިލްފަރު ހައްޖު ގްރޫޕް އަދި ޒައީ ހައްޖު ގްރޫޕަށް ކަމަށެވެ. މީގެ ކުރިން ހުއްދަ ދީފައި ވަނީ މި ގްރޫޕުތަކުގެ އިތުރުން ދަރުމަ ލިލް ހައްޖު އަދި ކިސްވާ ގްރޫޕަށެވެ.
ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ލިބުނީ 1000 މީހުންގެ ކޯޓާ އެވެ. މި ބަދަލާ އެކު ކޯޓާތައް ބަހާފައިވާ ގޮތެއް އަދި ސާފެއް ނުވެ އެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި 16 ކުންފުންޏަކުން މިއަހަރު ހުށަހެޅި އެވެ.